އިންޓަރގްރޭޓެޑް ޓޫރިސްޓް ރިސޯޓް ތަރައްޤީކޮށް ހިންގުމުގެ އުސޫލު ބަޔާންކޮށް ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލް ހުށަހަޅައިފި އެވެ.
މިބިލް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރ އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމް އެވެ. ބިލް ހުށަހަޅުއްވަމުން އަލީ އާޒިމް ވިދާޅުވީ މިބިލަކީ މިވަގުތަށް ވަރަށް މުހިންމު ބިލެއްކަމަށެވެ. ސަބަބަކީ ދައުލަތުގެ ބަޖެޓް މިހާރު އެތައް ގުނައަކުން ދަރަނިވެރި ވެފައިވާއިރު އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި އާމްދަނީ ލިބޭނެކަންކަމުގެ ތެރޭގައި ހިމަނާފައިވާ ކަންކަން މިބިލްގައިވާތީ ކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން މިބިލް މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ވީއެންމެ އަވަހަކަށް ޤާނޫނަކަށްވުމަކީ މުހިންމު ކަމެއްކަމަށް އާޒިމް ވިދާޅުވިއެވެ.
މިއިސްލާހުގެ ސަބަބުން ވިޔަފާރިތައް އިތުރުވެ ވަޒީފާތައް އިތުރުވެ ދައުލަތަށް ވަންނަ ފައިސާ އެތައް ގުނައަކަށް އިތުރުވެގެން ދާނެކަމަށް އާޒިމް ވިދާޅުވިއެވެ.
މިއިސްލާހުތަކުގެ އެންމެ މުހިންމު މަގްސަދަކީ މިހާރަށްވުރެ ފަސޭހައިން ޤާނޫނީ ބާރު ލިބިގެން ފަތުރުވެރިކަމާއި ވިޔަފާރި ފުޅާކުރުމުގެ ގޮތުން އިންޓަރގްރޭޓެޑް ޓޫރިޒަމް ރިސޯޓާއި ސްޓަރޓާއި އުސޫލުން ރިސޯޓްތަކުގެ ކޮޓަރި ނުވަތަ ވިލާ ދިގު މުއްދަތަކަށް ކުއްޔަށްދިނުމާއި ޕްރައިވެޓް އައިލެންޑް ކުއްޔަށްދިނުމާއި ގުޅޭ އުސޫލުތަކާއި ހަމަތައް ތަޢާރަފްކުރުމާ އެފަދަ ވިޔަފާރި ތަރައްޤީކުރުމަށް ރަށް ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށްދިނުމާއި އެފަދަ ތަންތަނުގެ ކުލި ދައްކަންޖެހޭ އުސޫލު މިހާރަށްވުރެ ފަސޭހަވާނެ ގޮތަކަށް ސަރުކާރުން އެކުލަވާލާ ފޮނުވާފައިވާ އިސްލާހެއް.އަލީ އާޒިމް/ މެދު ހެންވޭރު ދާއިރާގެ މެމްބަރ
އާޒިމް ވިދާޅުވީ މިބިލްގައި މައިގަނޑު ކަންތައްތައްތަކުގެ ތެރޭގައި އިންޓަރގްރޭޓެޑް ޓޫރިޒަމް ލ އަތޮޅު ބަރެސްދޫ ނޫނީ ކްރޮސްރޯޑް ހިންގާ އުސޫލުން ޤާނޫނެއްގެ ތެރެއިން ހިންގޭނެ ފުރުސަތު އާންމު ފަރާތްތަކަށް ލިބިގެންދާ ކަމަށެވެ. އެގޮތުން ޑިވެލޮޕަރ އެއް މެދުވެރިވެގެން ފެނާއި ނަރުދަމާ، ކަރަންޓް އަދި މަގުގެ ކަންކަން ރަނގަޅު ކުރުމަށްފަހު އާންމު ފަރާތްތަކަށް ވަކި ތަންތަން ވިޔަފާރި ކުރުމަށްޓަކައި ޓޫރިޒަމާ ގުޅޭ ފިހާރަ ރެސްޓޯރެންޓް ފަދަ ތަންތަން ދިގު މުއްދަތަކަށް ކުއްޔަށް ނެގުމުގެ ފުރުސަތު ފަހިކޮށްދެވިގެންދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
އަދި މިބިލުން ޕްރައިވެޓް އައިލެންޑް، ވަކި މީހަކަށް އަމިއްލައަށް ގަނެ އެތާ ދިރިއުޅެވޭނެ ގޮތް ހެދުމުގެ ފުރުސަތު ފަހިވެގެންދާ ކަމަށް އާޒިމް ވިދާޅުވިއެވެ.
އޭގެއިތުރުން ސްޓަރޓަރ އުސޫލުން ކޮޓަރި ކުއްޔަށްދިނުމުގެ ފުރުސަތުވެސް ލިބިގެންދޭ. ޓޫރިސްޓް ރިސޯޓް، ޓޫރިސްޓް ހޮޓާ، ޔޮޓް މެރީނާ، އިންޓަރގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓްތައް ތަރައްޤީ ކުރުމަށް ކުއްޔަށްދޭ ރަށްރަށާއި ބިންބިން ކުއްޔަށް ވަރަށް ބޮޑު ބަދަލެއް މައިގަނޑު ގޮތެއްގައި އެވްރެޖްކޮށް ގިނަ ރިސޯޓްތަކަށް މިހާރުވެސް އަގުތައް އެބަ ހެޔޮވެގެންދޭ. އެހެންނަމަވެސް މިގެންނަ އިންޓަގްރޭޓެޑް ޓޫރިޒަމް ސަރުކާރަށް ލިބޭ އާމްދަނީ އެތައް ގުނައެއް އިތުރުވެގެންދޭ. ކުއްޔަށް ބަދަލު ނާންނަނީ މާލެ އަތޮޅުގައި މިއޮތް ރިސޯޓްތަކުން . އޭގއިތުރުން މުހިންމު ކަމެއްގެ ގޮތުގައި މިހާރު ނެހެދިފައިވާ ރިސޯޓްތަކަށް އިންޓަގްރޭޓެޑް ޓޫރިޒަމް ތެރެއަށް ވައްދާ ހެދޭނެ އުސޫލެއް މި ޤާނޫނުން ފަހިވެގެން ގޮސްފައިވާނެ.އަލީ އާޒިމް/ މެދު ހެންވޭރު ދާއިރާގެ މެމްބަރ
އާޒިމް ހުށަހަޅުއްވާފައިވާ މިބިލްގައި 20 އިސްލާހެއްވެއެވެ. އޭގެތެރޭގައި މުޅިން އަލަށް ގެންނަ 6 އިސްލާހެއް ހިމެނޭއިރު މުޅިން އައު 6 މާއްދާއެއް އިތުރެވެގެންދެއެވެ. އަދި މިހާރު އަމަލުކުރަމުންދާ ޓޫރިޒަމްގެ ޤާނޫނުން 3 މާއްދާއެއް އުނިކުރެއެވެ.