މަސްވެރިން ބާނާ މަސް ނުކިރުމާއި ފައިސާ ނުލިބުމާއި މަސްވެރިންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދިނުމަށް ގޮވާލާ މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރ އާދަމް ޝަރީފް މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.
އަންގާރަ ދުވަހުގެ ޖަލްސާއަށް މި ގަރާރު ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ މިއީ މަސްވެރިން ބާނާ މަސް ކިރުމަށްޓަކައި ކިޔުގައި ޖެހިގެން ގިނަ ދުވަސްތަކެއް ވަންދެން މަޑުކުރަންޖެހުމާއި އެކަމާއި ގުޅިގެން ބޭކާރު ގިނަގުނަ ޚަރަދުތަކެއް ހިނގައި ތަކުލީފުތަކެއް އުފުލަންޖެހުމާއި އަދި ކިރިޔާ މަހަށް ފައިސާ ލިބުން ލަސްވުމާއި ކަޅުބިލަ މަހާއި ކަންނެލީގެ އަގު ދަށްވުމުގެ ސަބަބުން މަސްވެރިންނާއި އޮޑިވެރިންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދިނުމަށް އެދި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް ގޮވާލާ ހުށަހަޅާ ގަރާރެއް ކަމަށެވެ.
މަސްވެރިން ބާނާ މަސް ނުކިރި އެތައް ދުވަހެއް ކިޔުގައި މަސްކިރޭނެ ދުވަހެއްގެ އިންތިޒާރުގައި ރަށުން ބޭރުގައި ތިންބެޖެހޭ ކަމަށާއި އަދި އެތައް ދުވަހެއް ކަނޑުމަތީގައި ހޭދަކޮށްގެން ބޮޑު ޚަރަދުކޮށްގެން ބާނާ މަސް ނުކިރި މަހަށް ނުފުރި ގިނަ ދުވަސްތަކެއް ވަންދެން ތިބެންޖެހޭކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އަދި މިމައްސަލަތަކަށް ހައްލު ހޯދައިދިނުމާއި މަސްވެރިން ބާނާ މަސް އަވަހަށް ކިރޭނެ ގޮތާއި ކިރޭ މަސްކޮޅަށް ވަގުތުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމާއި މަސްވެރި އާއިލާތަކަށް ދިމާވާ ދަތިތައް ހައްލުކުރެވޭނެ ނިޒާމެއް ގާއިމުކޮށްދިނުމަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކަށް އިލްތިމާސްކުރުމަށް މިގަރާރު ހުށަހަޅުއްވާކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
މިގަރާރަށް ބަހުސްކުރެއްވި އެމްޑީޕީ މެމްބަރުން ވިދާޅުވީ މަސްވެރިންނަށް ދިމާވަމުންދާ ދަތިތަކާއި މައްސަލަތަކަށް މިސަރުކާރުން ހައްލުހޯދައިދޭނެކަމަށާއި އެކަމަށްޓަކައި މިސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށް އެމެމްބަރުން ވިދާޅުވިއެވެ.