އީ.ޕީ.އެސްގެ ހަނދާންތައް އައުކުރުމަށާއި، އެ މަދަރުސާ އަލުން ހުޅުވައި ތަޢުލީމު އުނގަންނައިދުމުގެ ޚިދުމަތް ފެށުމަށް ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައިސް ސޯލިހު މިހެން ވިދާޅުވެފައިވަނީ، އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލް (އީ.ޕީ.އެސް.އެސް) އިން ތަޢުލީމު ހާސިލުކުރި ދަރިވަރުންތަކެއް އިސްނަގައިގެން "އީ.ޕީ.އެސް ހަނދާން" ގެ ނަމުގައި ތައްޔާރުކުރި މަޖައްލާގެ ކޮޕީއެއް ހަދިޔާކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެ އެވެ.
ހޯމަ ދުވަހުގެ މެންދުރު ފަހު، ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމެއްގައި މި މަޖައްލާ ރައީސް އަށް ހަދިޔާ ކުރައްވާފައިވަނީ އީ.ޕީ.އެސް. ފައުންޑޭޝަންގެ ރައީސް އަލްއުސްތާޛު އަޙްމަދު ޙަމްޒާއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ، އެ މަނިކުފާނަށް "އީ.ޕީ.އެސް. ހަނދާން" މަޖައްލާގެ ކޮޕީއެއް ހަދިޔާކުރައްވާފައިވާތީ، އީ.ޕީ.އެސް. ފައުންޑޭޝަނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި އީ.ޕީ.އެސް.އެސް މަދަރުސާގެ ހަނދާންތައް އައުކުރުމަށާއި، އެ މަދަރުސާ އަލުން ހުޅުވައި ތަޢުލީމު އުނގަންނައިދުމުގެ ޚިދުމަތް ފެށުމަށް ކުރަމުންދާ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން އީ.ޕީ.އެސް. ފައުންޑޭޝަންގެ އިސްވެރިން ވަނީ، އެ މަދަރުސާ އަލުން ހުޅުވުމަށް ކުރަމުންދާ މަސައްކަތުގައި ކުރިމަތިވެފައިވާ ދަތިތަކުގެ މަޢުލޫމާތު ރައީސް ސޯލިހާއި ޙިއްޞާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލްއުސްތާޛް ޢަލީ ޒާހިރު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އީ.ޕީ.އެސް. ސްކޫލްގެ ގެ ފަރާތުން އީ.ޕީ.އެސް. ފައުންޑޭޝަންގެ ރައީސްގެ އިތުރުން އެ ފައުންޑޭޝަންގެ އެހެން ބައެއް އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
"އީ.ޕީ.އެސް ހަނދާން" މަޖައްލާ އިފްތިތާހް ކޮށްދެއްވާފައިވަނި ނޮވެމްބަރ އެއްވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްއެވެ. "އީ.ޕީ.އެސް ހަނދާން" މަޖައްލާ ނެރެން ހަމަޖެހިފައިވަނީ އަހަރަކު ހަތަރު ފަހަރެވެ. މި މަޖައްލާާ އީ.ޕީ.އެސް ފައުންޑޭޝަން ގެ ވެބްސައިޓްWww.epsfoundationmv.orgއިންވެސް ލިބިވަޑައިގަންނަވާނެއެވެ.