ފާއިތުވެދިޔަ 24 ގަޑީއިރު ތެރޭގައި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ 150 މީހުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނީ އާދިއްތަ ދުވަހުގެ އިރުއޮއްސި 06:00 އިން ފެށިގެން ހޯމަ ދުވަހުގެ އިރުއޮއްސި 06:00 އާއި ހަމައަށް ރާއްޖެއިން ކޮވިޑް-19 އަށް 1،717 މީހުން ޓެސްޓު ކޮށްފައިވާއިރު އޭގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ 150 ސާމްޕަލް ކަމަށެވެ.
ޕޮޒިޓިވްވި މީހުންގެ ތެރެއިން މާލޭ ސަރަހައްދުން ޕޮޒިޓިވްވެފައި ވަނީ 62 މީހުން ކަމަށާއި އަތޮޅުތެރެއިންނާ ރިސޯޓުތަކުން ޕޮޒިޓިވްވެފައިވަނީ 88 މީހުންކަމަށެވެ. އެގޮތުން ރަށްފަޅުހުރާ އިން 79 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން 58 މީހުންނަކީ ދިވެހިން ކަމަށާއި އަދި 92 މީހުންނަކީ ބިދޭސީންނެވެ.
އިތުރު 150 މީހުން ކޮވިޑަށް ޕޮޒިޓިވްވުމާއިއެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 12،758 އަށް ވަނީ އަރައިފައެވެ. އަދި މިހާތަނަށް ބަލިން ފަރުވާ ހޯދާ ރަނގަޅުވެފައި ވަނީ 11،615 މީހުންނަށް ވީއިރު ޖުމްލަ އެކްޓިވް ކޭސްތަކުގެ އަދަދަކީ 1،090 އެވެ.
ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 92 މީހުންނަށް ފަރުވާ ދެމުން އަންނައިރު ރާއްޖެއިން މިހާތަނަށް 46 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.