ހުސްވެފައިވާ އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން އީސީގެ މެންބަރު ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހޯމަ ދުވަހު ހުޅުވާލާފައި މިވަނީ އެ ކޮމިޝަންގެ މެންބަރުކަމުގައި ހުންނެވި އަހުމަދު އަކްރަމް އިސްތިޢުފާ ދިނުމާއި ގުޅިގެންނެވެ.
އެ ގޮތުން އެ ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 2020 ނޮވެންބަރު 30، ޑިސެންބަރު 1 އަދި 2 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރު 12:30 އާ ދެމެދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްhttps://presidency.gov.mvއިން ޑައުންލޯޑް ކުރެއްވޭނެ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
އަކްރަމް އިސްތިއުފާ ދީފައި ވަނީ އޭނާގެ މައްޗަށް ޖިންސީ ފުރައްސާރައިގެ ތުހުމަތުކޮށް އެ ކޮމިޝަންގެ އަންހެން މުވައްޒަފުންތަކެއް ހުށަހެޅި މައްސަލައަކާއި ގުޅިގެން ކޮމިޝަނަރެއްގެ ހުންނަން ޖެހޭ ސުލޫކީ މިންގަނޑުތަކަށް އޭނާ އަމަލުތައް ނުފެތޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ކަނޑައަޅައި އޭނާ ވަކި ކުރަން ކޮމިޓީން ފާސްކޮށްފައި ވަނިކޮށެވެ.