ހޯމް މިނިސްޓަރ ޝެއިހް އިމްރާން އަބްދުﷲ ގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލައިިފިއެވެ.
ހޯމަ ދުވަހު މިނިސްޓަރގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައަށް ވޯޓެއް ނެގުނުއިރު، އިތުބާރު ނެތް ކަމަށް ވޯޓު ދެއްވީ 11 މެމްބަރުންނެވެ. 53 މެމްބަރުން މި މައްސަލައަށް ތާއީދެއް ނުކުރައްވައެވެ.
ޝެއިހް އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައަޅުއްވާފައި ވަނީ 11 މެމްބަރުންގެ ސޮޔާއި އެކުއެވެ. އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މަޖިލީހަށް ވެއްދި މި މައްސަލައިގައި ސޮއި ކުރައްވާފައި ވަނީ ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ މެމްބަރުންގެ އިތުރުން މިނިވަން ދެ މެމްބަރުން ކަމަށްވާ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް އާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމްއެވެ.
މިނިސްޓަރުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމާއި ގުޅޭގޮތުން އަނެއްކާ ވެސް ތަފާތު ގޮތަކަށް ރޭޑީއޯ ޕްރޮގްރާމެއްގައި މިނިސްޓަރ ވާހަކަ ދެއްކެވުމާއި، އަދި މޭޑޭ މުޒާހަރާގައި ކުރީގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އާއި އަފްރާޝީމްގެ މަރާގުޅޭގޮތުން ދެއްކި ޑޮކިއުމެންޓްތަކަކީ އަސްލެއް ނޫން ކަމަށް ވިދާޅުވުމެވެ. އަދި އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި މޭޑޭ މުޒާހަރާގައި ގެންގުޅުއްވި ހެކިތައް ނުވަތަ ޑޮކިއުމެންޓް ފުލުހުން އަތުލާފައިވާ ކަމަށް ވިދާޅުވެފައިވާތީ ކަމަށް އެ މައްސަލައިގައި ވެއެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި މިނިސްޓަރއަށް އަމިއްލަ ދިފާއުގައި ވާހަކަ ދެއްކެވުމަށް ފުރުސަތު ލިބިގެންދިޔައެވެ. އަދި މި މައްސަލައަށް ކުރެވުނު ބަހުސްގައި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ މެމްބަރުން ވަނީ މިނިސްޓަރގެ ދިފާއުގައި ވާހަކަދައްކަވާފައެވެ.