ނ. މިލަދޫ ކައުންސިލް އިދާރާ ހިންގުން ހުއްޓުމަކަށް އަތުވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެކައުންސިލްގެ ރައީސް އިލްޔާސް އަބްދުދުއްސަމަދު ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހު "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެއްމުން މިލަދޫ ކައުންސިލްގެ ރައީސް އިލްޔާސް ވިދާޅުވީ 2012 ވަނަ އަހަރުން ފެށިގެން މިލަދޫ ކައުންސިލް ހިންގަމުން އަންނަނީ އަމިއްލަ މީހެއްގެ ގޭގައި ކަމަށެވެ. އޭނާ ވިދާޅުވީ މީގެކުރިން ކޮށްމެ މަހަކު ކުލި ދައްކަމުން ދިޔަ ނަމަވެސް މިއަހަރުގެ ވޭތުވެދިޔަ ހަތަރު މަހުގެ ކުލި ނުދައްކާ ކަމަށެވެ. ސަބަބެއް ކަމަށް އިލްޔާސް ވިދާޅުވީ ކައުންސިލްގެ މިއަހަރުގެ ބަޖެޓްގައި ކުއްޔަށްވާ ފައިސާ ހިމަނާފައި ނެތުމުން ކަމަށެވެ.
އޭނާ ވިދާޅުވީ ކައުންސިލްގެ މިއަހަރުގެ ބަޖެޓް ފޮނުވިއިރު ކައުންސިލް އިދާރާގެ ކުލި ހިމެނި ނަމަވެސް ބަޖެޓް ލިބުނުއިރު ކުލި ހިމަނާފައިނުވާ ކަމަށެވެ.
އިލްޔާސް ވިދާޅުވީ ކައުންސިލް އިދަރާގެ ކުލީގެ ގޮތުގައި ކޮންމެ މަހަކު ދައްކަމުން ދަނީ 8000ރ. ކަމަށެވެ. ނަމަވެސް މިއަހަރުގެ ފެށިގެން 10،000ރ. އަށް ކުލި ބޮޑު ކޮށްފައިވާ ކަމަށް އޭނާ ބުނެއެވެ.
އޭނާ ބުނީ ކައުންސިލް އިދާރާގެ ކުލި ނުދައްކައިގެން އެގޭގެ ވެރިފަރާތުން އެތަނުން ނިކުތުމަށް މިދިއަ ހަފްތާގެ ތެރޭގައި ކައުންސިލަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން އެކަން ފިނޭންސް މިނިސްޓްރީއާއި ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)އާއި އަތޮޅު ކައުންސިލަށް ހިސާކޮށްފައި ކަމަށް އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ އެލްޖީއޭއަށް އެމައުލޫމާތު ހިއްސާކުރުމުން އެލްޖީއޭއިން ބުނެފައިވަނީ މިލަދޫގައި ދައުލަތުގެ ކައުންސިލް އިދާރާއެއް ހުންނާނެ ކަމަށެވެ. ނަމަވެސް އިލްޔާސް ވިދާޅުވީ ކުރިން ހުރި ކައުންސިލް އިދާރާ 2011 ވަނަ އަހަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި އެތަން އަނދާހުލި ވުމާއި ގުޅިގެން ކައުންސިލް އިދާރާ ހިންގަމުން އަންނަނީ މިހާރު ކައުންސިލް އިދާރާ ހިންގަމުން އަންނަ އަމިއްލަ މީހެއްގެ ގޭގައި ކަމަށެވެ.
ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ކައުންސިލްތައް ހިންގުމަށް ދަތިވާގޮތަށް ފިނޭންސް މިނިސްޓްރީން ބަޖެޓް އުނިކޮށްފައިނުވާނެ ކަމަށެވެ. އަދި އެފަދަ މައްސަލައެއް އުޅޭކަން ފިނޭންސް މިނިސްޓްރީއަށް އެނގިފައިނުވާ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.
މިކަމާ ގުޅިގެން އެލްޖީއޭއަށް ގުޅަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ. އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ އެބިލް ތަސްދީގު ކުރުމާއި ގުޅިގެން އެލްޖީއޭގެ ބޯޑު ވަނީ އުވިފަ އެވެ. ރައީސް ޔާމީން އަބްދުލްގައްޔޫމްއަށް ބާރުލިބޭގޮތަށް ފަސް މެމްބަރުން ހިމެނޭ އެލްޖީއޭ ބޯޑު އެކުލަވާލުމުގެ މަސައްކަތް ރައީސް އޮފީހުން ދަނީ ކުރަމުންނެވެ.