ހއ. ހޯރަފުށި އެއަރޕޯޓަށް އޮތް ޑިމާންޑް ބޮޑުވެ މި މަހު 28 ވަނަ ދުވަހަށް އިތުރު ފްލައިޓެއް ހަމަޖައްސައިފައިވާ ކަމަށް ގައުމީ އެއަރލައިން މޯލްޑިވިއަނުން ބުނެފިއެވެ.
މޯލްޑިވިއަނުން ބުނީ ހޯރަފުށި އެއަރޕޯޓްގެ ފުރަތަމަ ޝެޑިއުލް ދަތުރު މިމަހު 26 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާއިރު މިހާރު ފްލައިޓް ފުލްވެފައި ވާކަމަށެވެ. އަދި ހޯރަފުށިން އެނބުރި އަންނަ ފްލައިޓް ވެސް ފުލް ވެފައިވާ ކަމަށް ބުނެފައިވެއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރަކަށް މޫސާ ވަސީމް ވިދާޅުވީ ބުރާސްފަތި ދުވަހު ޝެޑިއުލްގެ ފުރަތަމަ ދަތުރު ބޭއްވުމަށް ފަހު ޑިސެމްބަރ މަހުން ފެށިގެން ހަފްތާ އަކު ތިން ދަތުރު ބޭއްވުމަށް ހަމަޖެހިފައި ވާކަމަށެވެ.
މާލެއިން ހޯރަފުއްޓަށް ދިއުމަށް ހާއްސަ ފެއާއެއްގެ ދަށުން ޓިކެޓެއްގެ އަގު އުޅެނީ ކޮޅަކަށް 805 ރުފިޔާއެވެ. އާންމުކޮށް އަގުތަށް އުޅެނީ ހދ. ކުޅުދުއްފުއްޓާއި ހދ. ހަނިމާދޫއަށް ދިއުމާއި ދާދި އެއް އަގެއްގައި ކަމަށް މޯލްޑިވިއަން މައުލޫމާތުދެއެވެ.
އެއާޕޯޓަށް ފުރަތަމަ ޓެސްޓު ފްލައިޓް ޖައްސާފައި ވަނީ މިމަހު 16 ވަނަ ދުވަހުއެވެ. ރަސްމީކޮށް އެއާޕޯޓް ހުޅުވައިދެއްވީ މި މަހު 19 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއެވެ. މި ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ އިތުުރުން ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ބައިވެެރިވެވަޑައިގެންނެވިއެވެ.