ހެލްތު މިނިސްޓަރ އަހުމަދު ނަސީމަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި މިގޮތަށް ފާސްކުރީ 66 މެމްބަރުންގެ ވޯޓާއި އެކުއެވެ.
ނަސީމް ހެލްތު މިނިސްޓަރ ކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރެއްވީ އޮކްޓޯބަރ މަހުގެ 22 ވަނަ ދުވަހުއެވެ. އެއީ ހެލްތު މިނިސްޓަރ ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ އަމީން އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އަމީން މަގާމުން އިސްތިއުފާ ދެއްވާކަން ހާމަކުރައްވާ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގެ ރޭ ރައީސުލްޖުމްހޫރިއްޔާއަށް ސިޓީފުޅެއް ފޮނުއްވާފައިވެ އެވެ. އަމީންގެ އިސްތިއުފާއާއި ގުޅޭ މައްސަލަ ފެންމަތިވީ ކޮވިޑް-19 އާއި ގުޅިގެން ކުރެވުނު ހަރަދުތަކުގެ އޮޑިޓް ރިޕޯޓް އާންމުކުރި ހިސާބުންނެވެ.
އަހުމަދު ނަސީމު ކުރިން ހުންނެވީ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސްގެ މަގާމުގައެވެ. އަހުމަދު ނަސީމަކީ ދައުލަތަށް އެކި ދާއިރާތަކުން މަތީ ފަންތީގެ މަގާމުތައް ފުރުއްވާ ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން 1960 ވަނަ އަހަރުން ފެށިގެން ނަސީމް ގެންދަވަނީ ދައުލަތަށް އެކި ގޮތްގޮތުން ޚިދުމަތް ކޮށްދެެއްވަމުންނެވެ.