ކ. މާލެ
|
23 ނޮވެންބަރ 2020 | ހޯމަ 12:13
ޖަލު ހުކުމެއްގައި ހުއްޓަައި ޝަފާ ރާއްޖެއިން ބޭރަށް ފޮނުވާލި މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމެއްގެ ތެރެއިން
ޖަލު ހުކުމެއްގައި ހުއްޓަައި ޝަފާ ރާއްޖެއިން ބޭރަށް ފޮނުވާލި މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމެއްގެ ތެރެއިން
މުހައްމަދު ފަޒީން
ސަފާ ބޭރަށް ފޮނުވި މައްސަލަ
ޖަލު ހުކުމެއްގައި ހުއްޓައި ޝަފާ ރާއްޖެއިން ބޭރަށް ފޮނުވާލި މައްސަލަ ސާބިތު ކުރުމަށް ހެކި ހުށަހަޅައިފި
 
ހާނިމްއާއި އާޒިމް ވަނީ ދައުވާއަށް އިންކާރު ކުރައްވާފައި
 
އިބްތިދާއީ އިތުރު އަޑުއެހުމެއް އަންނަ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު އޮންނާނެ
 
ޝަރީއަތުގެ ކުރިން ހުށަހެޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހެޅުމަށް 10 ދުވަހުގެ ފުރުސަތެއް ވަނީ ދެއްވާފައި
 
ދައުލަތުގެ ފަރާތުން ވަނީ މައްސަލަ ސާބިތު ކުރުމަށް ކަރެކްޝަނަލް ސަރވިސްގެ ބައެއް މުވައްޒަފުންނާއި މެޑިކަލް ބޯޑުގެ ބައެއް ފަރާތްތައް ހެކިންގެ ގޮތުގައި ހުށަހަޅާފައި

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައާ ގުޅިގެން، މ. ލޮނުމިދިލިގޭ އިބްރާހިމް ޝަފާޒު އަބްދުއްރައްޒާގު (ޝަފާ) 18 އަހަރަށް ޖަލަށް ލާފައިވަނިކޮށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އުސޫލުތަކާއި ގަވާއިދުތަކާ ޚިލާފަށް އޭނާ ރާއްޖެއިން ބޭރަށް ފޮނުވި މައްސަލަ ސާބިތު ކުރުމަށް ދައުލަތުގެ ފަރާތުން ހެކި ހުށަހަޅައިފި އެވެ.

އުސޫލުތަކާއި ގަވާއިދުތަކާ ޚިލާފަށް ސަފާ ރާއްޖެއިން ބޭރަށް ފޮނުވި މައްސަލައިގައި ދައުވާކޮށްފައި ވަނީ، ކުރީގެ ކޮމިޝަނަރ އޮފް ޕްރިޒަންސް މޫސާ އާޒިމް އާއި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ހާނިމްގެ މައްޗަށެވެ.

މީގެކުރިން ބޭއްވި އިބްތިދާއީ އަޑުއެހުމެއްގައި ދައުލަތުން ދައުވާ އިއްވުމުން ހާނިމް އާއި އާޒިމް ވަނީ ދައުވާއަށް އިންކާރު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

މިމައްސަލާގައި ޝަފާ ރާއްޖެއިން ބޭރަށް ފޮނުވުމަށްޓަކައި ތައްޔާރުކުރި ފޯމް ގައި ސޮއި ކޮށްފައިވަނީ ހާނިމް އެވެ. އަދި ޝަފާ ބަލި ހާލަތު ބޮޑު ކަމަށްބުނެ، ޑޮކިއުމަންޓްތައް ހަމަ ނުވަނީސް ޑޮކްޓަރު ލައްވާ ސޮއި ކުރިކަމަށް ވަނީ އާޒިމް އެވެ.

މިމައްސަލަ ސާބިތު ކުރުމަށް ދައުލަތުން ވަނީ ހާނިމް އާއި އާޒިމް ވިދާޅުވެގެން، ރާއްޖެއިން ބޭރަށް ޝާފާ ފޮނުވުމަށް ލިޔުންތަކާއި އެކަން އިންތިޒާމުކުރި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ބައެއް މުވައްޒަފުންނާއި މެޑިކަލް ބޯޑުގެ ބައެއް ފަރާތްތަކާއި ޑޮކްޓަރު ހެކީންގެ ގޮތުގައި ހުށަހަޅާފަ އެވެ.

ދިފާއުގައި ހާނިމް ފަރާތުން ހެކި ހުށަހަޅާފައެއް ނުވެއެވެ. ނަމަވެސް އާޒިމްގެ ދިފާއީ ވަކީލު ވިދާޅުވީ މިމައްސަލައާ ގުޅިގެން ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ އިތުރަށް އޭރު ހޯމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އުމަރު ނަސީރު ހެެއްކެއްގެ ގޮތުގައި ހުށަހަޅާ ކަމަށެވެ. އާޒިމްގެ ދިފާއީ ހެއްކެއްގެ ގޮތުގައި އުމަރު ނަސީރު ހުށަހަޅާފައިވަނީ، ޝަފާ ރާއްޖެއިން ބޭރަށް ފޮނުވާލާފައިވަނިކޮށް، ޝަފާ ރާއްޖެ ގެނައުމަށް އާޒިމް މަސައްކަތް ކުރިކަން ސާބިތު ކުރުމަށާއި އަދި ޝަފާ ރާއްޖެއިން ބޭރަށް ފޮނުވާލުމުގައި އާޒިމްގެ ބައިވެރިވުމެއް ނޯންނާކެނަން ސާބިތު ކުރުމަށެވެ.

މިމައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލު ވަނީ، މިމައްސަލައަކީ، މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށް ނިންމާކަމަށެވެ. އަދި ޝަރީއަތުގެ މަރުހަލާގެ ކުރިން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހެޅުމަށް 10 ދުވަހުގެ ފުރުސަތެއް ހާނިމްއަށާއި އާޒިމްއަށް ދެއްވާ ކަމަށެވެ. އަދި މިމައްސަލައިގެ އިބްތިދާތީ އިތުރު އަޑުއެހުމެއް އަންނަ ޖެނުއަރީ މަހުގެ 03 ވަނަ ދުވަހު ބޭއްވޭނެ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.

ބޭސްފަރުވާ ކުރުމަށް ކަމަށް ބުނެ ޝަފާ ރާއްޖެއިން ބޭރަށް ފޮނުވީ 2014 ވަނަ އަހަރުގެ ފެބްރުއަރީ 5 ވަނަ ދުވަހުއެވެ. އޭނާ އަނބުރާ ރާއްޖެ ގެނެސްފައި ވަނީ 2014 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ސްރީ ލަންކާގައި އޭނާ ހުއްޓާ ހައްޔަރުކޮށްގެން ރާއްޖެ ގެނައީ އެއިރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އަމުރަށް ދިވެހި ފުލުހުންގެ ޓީމެއް ލަންކާއަށް ގޮސް ލަންކާގެ ފުލުހުންނާ ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނަކަށް ފަހުގައެވެ.

ޝަފާ ރާއްޖެއިން ބޭރަށް ފޮނުވި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރުމަށް ފަހު އާޒިމް އާއި ހާނިމުގެ އިތުރުން ހަތަރު މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވީ 2014 ވަނަ އަހަރުގެ ޑިސެމްބަރުގައެވެ.

ޝަފާ ބޭރަށް ފޮނުވި މައްސަލައިގައި މި ދެ ބޭފުޅުންގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނިކޮށް، 2015 ވަނަ އަހަރުގެ ތެރޭގައި ހައިކޯޓުން ވަނީ އޭނާގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
100%
0%
0%
ކޮމެންޓް
23 ނޮވެންބަރ 2020 | ހޯމަ 20:46
ކޮށި
އިބްތިދާއީ އިތުރު އަޑުއެހުމެއް އަންނަ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު؟! ހާދަ ފާސްޓްކޮށޭ ޝަރީއަތްތައް ތިދަނީ!!