ކ. މާލެ
|
23 ނޮވެންބަރ 2020 | ހޯމަ 19:09
ރަސްދޫގައި ހުންނަ އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ލައިބްރަރީ ތަރައްޤީކުރުން
ރަސްދޫގައި ހުންނަ އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ލައިބްރަރީ ތަރައްޤީކުރުން
ބީއެމްއެލް
އއ. އަތޮޅު ތައުލީމީ މަރުކަޒުގެ ލައިބްރަރީ
ބީއެމްއެލް ކޮމިއުނިޓީ ފަންޑުން އއ. އަތޮޅު ތައުލީމީ މަރުކަޒުގެ ލައިބްރަރީ ތަރައްގީކޮށްފި
 
މި ފޮތްތަކުގެ ތެރެއިން 500 އަށް ވުރެ ގިނަ ފޮތަކީ ކޮމިއުނިޓީ ފަންޑުގެ ދަށުން ގަނެވުނު ފޮތް
 
ޖުމްލަ 1000 އަށް ވުރެ ގިނަ ފޮތް ވަނީ ލައިބްރަރީއަށް އިތުރުކޮށްފައިވޭ
 
މިއަހަރުގެ މިހާތަނަށް 10 ޕްރޮޖެކްޓެއް ހިންގުމަށް މާލީ އެހީތެރިކަންދީފައިވޭ

ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑުން ރަސްދޫގައި ހުންނަ އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ލައިބްރަރީ ތަރައްޤީކޮށްފިއެވެ.

ކޮމިއުނިޓީ ފަންޑުގެ ޕްރޮޕޯސަލް ކާމިޔާބުކުރި، އިސްމާޢިލް ޝިމާއު ހިންގި މި ޕްރޮޖެކްޓުން ލައިބްރައީއަށް ބޭނުންވާ އިތުރު ފޮތާއި ފޮތްހަރުގަނޑުގެ އިތުރުން ފަރުނީޗަރު ވަނީ ހޯދާފައެވެ.

އެގޮތުން ހަދިޔާގެ ގޮތުގައި ލިބުނު ފޮތާއެކު ޖުމްލަ 1000 އަށް ވުރެ ގިނަ ފޮތް ވަނީ ލައިބްރަރީއަށް އިތުރުކޮށްފައި ކަމަށް ބީއެމްއެލްއިން ބުންޏެވެ. މި ފޮތްތަކުގެ ތެރެއިން 500 އަށް ވުރެ ގިނަ ފޮތަކީ ކޮމިއުނިޓީ ފަންޑުގެ ދަށުން ގަނެވުނު ފޮތެވެ.

މި މަސައްކަތުގެ ޕްރޮޕޯސަލް ކާމިޔާބުކުރި ޝިމާއު ވިދާޅުވީ އއ. އަތޮޅު ތަޢުލީމީ މަރުކަޒަކީ 235 ކުދިން ތައުލީމް ހާސިލް ކުރަމުން އަންނަ ސްކޫލެއް ކަމަށާއި ސްކޫލްގެ ހާލަތަށް ބަލާލާއިރު ކުދިން ބޭނުން ކުރަން ހުރި ލައިބްރަރީގެ ގިނަ ފޮތްތައް ހުރީ ބާވެފައި ކަމަށެވެ.

އއ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ގާއިމުކޮށްފައިވާ ލައިބްރަރީ -- ފޮޓޯ: ބީއެމްއެލް
ޖާގަ ތަނަވަސްކަމެއް ހުރި ނަމަވެސް ފޮތް އިތުރުކޮށް ލައިބްރަރީ އަށް ފަރުނީޗަރު ވެސް ބޭނުންވޭ. ކޮމިނިއުޓީ ފަންޑުގެ ދަށުން އަޅުގަނޑު ބޭނުންވީ ލައިބްރަރީއަށް އިތުރު ފުރިހަމަކަމެއް ގެނެސް ކުދިން ފޮތް ކިޔުމަށް ސަމާލުކަންދީ މިކަމަށް ޝައުގުވެރި ކުރުވުމަށް. މިގޮތުން ފޮތް ރެކުތައް އާ ކުރުމާއެކު ކުދިން ކިޔާނެ އާ ފޮތްތަކާއި ފޮތް ކިޔަން ތިބެވޭނެ ފަސޭހަ ގޮތް ގާއިމް ކުރުމަށް ބޭނުންވީ. މި ފުރުސަތުގައި މި ޕްރޮޖެކްޓް ކާމިޔާބުކަމާއެކީ ނިންމާލުމުގައި ޢާއިޝަތު އަޒްލީނާ ކޮށްދެއްވި ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވަން. މިއީ އަތޮޅު ތައުލީމީ މަރުކަޒުގައި ކިޔަވަމުންދާ އެންމެހާ ކުދިންނަށް ލިބުނު ވަރަށް އަގުބޮޑު ހަދިޔާ އަކަށް ވެގެންދާނެ.
ޕްރޮޕޯޒަލް ކާމިޔާބުކުރި ޝިމާއު

މިކަމާއި ގުޅިގެން ބީއެމްއެލްގެ މެނޭޖަރ ޕްބިލްކ ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވީ ތައުލީމީ ދާއިރާ އަކީ ކޮމިއުނިޓީ ފަންޑުގެ ދަށުން ހޮވޭ ޕްރޮޖެކްޓްތައް މެދުވެރިކޮށް އެހީފޯރުކޮށްދޭ އަދި ހަމައެހެންމެ ހާއްސަ ސަމާލުކަމެއްދޭ އެއް ދާއިރާ ކަމަށާއި މި ޕްރޮޖެކްޓުގެ ދަށުން އއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އެލްކޭޖީ އިން ފެށިގެން ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުންން ބޭނުންކުރާނެ ފޮތް ހޯދައިދެވިފައިވާ ކަމަށެވެ.

އަދި ފޮތްތަކުގެ އިތުރުން ލައިބްރަރީ އަށް މިވަނީ އިތުރު ފުރިހަމަކަމެއް ގެނެވިފަ. އަޅުގަނޑުމެންގެ އުއްމީދަކީ މިއީ ދެމެހެއްޓެނެވި ގޮތެއްގައި މުޖުތަމައަށް ފައިދާކުރާނެ ޕްރޮޖެކްޓަކަށް ވެގެން ދިޔުން.
~ ބީއެމްއެލްގެ މެނޭޖަރ ޕްބިލްކ ރިލޭޝަންސް މުޙައްމަދު ސަޢީދު

ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ މިހާތަނަށް 10 ޕްރޮޖެކްޓެއް ހިންގުމަށް މާލީ އެހީތެރިކަން ދެވިފައިވާއިރު، މިހާރު ހުށަހެޅިފައިވާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޕޯސަލްއެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000ރ. ދިނުމަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް