މޭޑޭގެ މުޒާހަރާގައި ގެއްގުޅުއްވީ މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގެ ހެކިތަކުގެ ކޮޕީއެއް ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވެފައިވަނީ 2015 ވަނަ އަހަރުގެ މޭ ޑޭގައި އޭރުގެ އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާގައި ހައްޔަރު ކުރެވުނު އިރު، ރިލްވާންގެ މައްސަލަ އާއި ގުޅުން ހުރި ހެކިތައް ފުލުހުން ނަގާފައިވާ ކަމަށެވެ.
އަދި އެ ހެކިތައް ނެގި ފުލުހުން ހޯދުމަށް ކުރަން ޖެހޭނީ ތަހުގީގެއް ކަމަށާއި މިހާރު ވެސް އެތައް ތަހުގީގުތަކެއް ކުރިއަށް ދާ ކަމަށެވެ.
އެހެންނަމަވެސް އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ރޭޑިއޯ ޕްރޮގްރާމެއްގައި އެ ކަރުދާސްތަކަކީ އަސްލުތޯ ސުވާލުކުރުމުން މިނިސްޓަރ ވިދާޅުވެފައިވަނީ އެއީ އަސްލެއް ނޫން ކަމަށެވެ.
ހޯމަ ދުވަހުގެ ޖަލްސާގައި އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ބަހުސްގައި އަމިއްލަ ދިފާއުގައި ވާހަކަދައްކަވަމުން ވިދާޅުވީ އެގޮތަށް އެހެން ވިދާޅުވީ އެދުވަހު ގެންގުޅުއްވީ އަސްލު ކަރުދާސްތަކުން ނަގާފައިވާ ކޮޕީއެއް ކަމަށް ދެންނެވުމުގެ މާނައިގައި ކަމަށެވެ. އަދި އެ ހަމަނުޖެހުމުގެ ތެރޭގައި އޭރުގެ ސަރުކާރުގެ އަމުރަށް އެ ކަރުދާސްތައް ނަގާފައިވާ ކަމަށެވެ.
މޭ ޑޭގައި ކުރެވުނު މުޒާހަރާގެ ބައިވެރިން ޖުމްހޫރީ މައިދާނާ ހަމައަށް ދިއުމުން، ސަލާމަތީ ހިދުމަތްތަކުން، ބާރުގެ ބޭނުން ކޮށް މުޒާހަރާ ރޫޅާލައި ގިނަ ބަޔަކު ހައްޔަރުކުރިއެވެ. އެ މުޒާހަރާގައި ފުލުހުންނަށް އަނިޔާ ކުރިކަން ސާބިތުވެ، ބައެއް މީހުން ޖަލަށްލިއެވެ. މޭޑޭ މުޒާހަރާ އެއީ މިހާތަނަށް ރާއްޖޭގައި ހިންގުނު އެންމެ ބޮޑު އެއް މަގުމަތީ ހަރަކާތެވެ.