މާފުށިން ކޮވިޑް-19 އަށް ޕޮޒިޓިވްވި ފަތުރުވެރިޔާ ވަނީ އެރަށުގައި ގާތްގަނޑަކަށް 27 ދުވަސް ހޭދަކޮށްފައި ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤު ވިދާޅުވެއްޖެއެވެ.
ޑރ. ނަޒްލާ ވިދާޅުވީ މާފުށިން ޑިޕާޗަރ ސާމްޕަލްއެއް ނެގި ފަތުރުވެރިއެއްގެ ސާމްޕަލް އާދިއްތަ ދުވަހު ޕޮޒިޓިވް ވެފައި ވާކަމަށެވެ. އަދި އެރަށް މޮނިޓަރިންގ ގެ ހާލަތަށް ލާފައިވަނީ ކޮންޓެކްޓް ޓްރޭސިންގ ގެ މަސައްކަތާއި ކޮންޓެކްޓްވި މީހުންގެ ސާމްޕަލް ނެގުމާއެކު ރަށުތެރެއިން އިތުރު ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރިއަށް ދާތީކަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭއިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށްފައެވެ.
ރަށް މޮނިޓަރ ކުރުމާއި ގުޅިގެން އެ އެޖެންސީން އަންގާ ގޮތެއްގެމަތިން، ދައުލަތުގެ ކަމާއި ބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަންގާ އެންގުންތަކާއި އަދި ހިންގާ ހަރަކާތްތަކަށް އެއްބާރުލުންދެއްވައި އަދި މިކަމުގައި ރަށުގެ ކައުންސިލް އިދާރާގެ ފަރާތުން ކުރަންޖެހޭ ކަންކަން ވިލަރެސް ކުރާނެ ފަރާތެއް ކަނޑައަޅައި އެންގުމަށް އެޗްޕީއޭއިން ވަނީ ކައުންސިލްގައި އެދިފައެވެ.
ކޮވިޑް-19 އާއި ގުޅިގެން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓްހައުސްތައް ބަންދުކޮށްފައިވަނީ މިދިޔަ މާޗު މަހުގެ 17 ވަނަ ދުވަހު އެވެ. ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގެސްޓްހައުސްގެ ވިޔަފާރި ހިންގަމުންދާ މާފުއްޓަށް އަލުން ގެސްޓްހައުސް ހުޅުވާލުމުގެ ހުއްދަ ދޫކޮށްފައިވަނީ އޮކްޓޯބަރ މަހުގެ 26 ވަނަ ދުވަހު އެވެ.