ފައިސާ ދީގެން އެސައިންމެންޓް ހައްދާ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް ގެ ސަމާލުކަަމަށް ގެނެސްފައިވާ ކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.
އާދީއްތަ ދުވަހުގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ފުލުހުންނާއި އެކު މި މައްސަލަ އާއި މެދު މަޝްވަރާ ކުރުމަށް ތާވަލުކުރެވިފައިވާ ކަމަށެވެ.
އަދި މި މައްސަލަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީންވެސް ބަލަމުން އަންނަ ކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެއީ ފެންވަރު ކަށަވަރުކުރުމަށް ބަލަން ޖެހޭ މައްސަލައެއް ކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ކޮލެޖުތަކާއި އެކު ވެސް މި މަޝްވަރާތައް ކުރެވޭނެ ކަމަށެވެ.
އަޅުގަނޑުމެންނަށްވެސް ތި ޝަކުވާ އައިސްގެން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކަން ބަލަމުން އެބަ ގެންދޭ. އަޅުގަނޑުމެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެޓެންޝަންއަށް ވެސް ތިކަން ވާނީ ގެނެސްފަ.ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން
މިނިސްޓަރ ވިދާޅުވީ މިހާރު މަޖިލީހުގައި ވާ މަތީ ތައުލީމުގެ ބިލު ގާނޫނަކަށް ވުމުން މައްސަލައަށް ހައްލު އަންނާނެ ކަމަށް ބެލެވޭނެ ކަމަށެވެ. އެ ގާނޫނުގެ ދަށުން 'އެކެޑެމިކް ޕޭޖަރިޒަމް' އަކީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް މިނިސްޓްރީގެ ފަރާތުން ހުށައަޅާފައިވާކަންވެސް ފާހަގަކުރެއްވިއެވެ.
މަޖިލީހުގައި އެވާ މަތީ ތައުލީމާއި ބެހޭ ބިލުގައި އެކެޑަމިކް ޕޭޖަރިޒަމް އެއީ ކުށެއްގެ ގޮތުގައި ގާނޫނުގައި ލިޔަން ވާނީ ހުށައަޅާފަ. އެއީ ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް އެކަން އޮންނަ ގޮތް. އެހެންވީމާ ގާނޫނީ ކުށަކަށް އެކަން ވީމަ އެކަން ހުއްޓުވަން ބާރެއް ލިބޭނެ. ގާނޫނީ ކުށަކަށް އެކަން ވެފައި ގާނޫނުގެ ގޮތުން އެކަން ހަޔަރ އެޑިއުކޭޝަން އަށް ލިބެން ޖެހޭ ބާރުތައް މަތީ ތައުލީމުގެ ބިލުގެ ދަށުން ލިބުނީމަ އަޅުގަނޑަށް ހީވަނީ ތިކަން ރަނގަޅުވެގެންދާނެ ހެން.ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން
ފައިސާ އަށް އެސައިންމެންޓް ހައްދާ މައްސަލައަކީ ވަރަށް ގިނައިން ފެންމަތިވާ މައްސަލައެކެވެ. އެގޮތުން ފަރސްޓް ލޭޑީ ފަޒްނާ އަހުމަދު ވެސް ވަނީ މި ކަންބޮޑުވުން ފާޅުކުރައްވާފައެވެ.