ޖަޕާނު ސަރުކާރުން ދިވެހިރާއްޖެ އަށް ދޭ އެހީތަކަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޝުކުރުއަދާކުރައްވައިފިއެވެ.
އާދިއްތަ ދުވަހުގެ ރޭ ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ޖަޕާނާއި ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކާއި އޮންނަ ގާތް ގުޅުމަށާއި އަދި ޖަޕާނުގެ ރައްޔިތުންނާއި ސަރުކާރުން ރާއްޖެއަށް އަބަދުވެސް ދެއްްވާ ދީލަތި އެހީތެރިކަމަށް ޝުކުރުއަދާކުރައްވާކަމަށެވެ.
ރައީސް ނަޝީދު ޖަޕާނު ސަރުކާރަށް ޝުކުރުއަދާކުރައްވާފައި މިވަނީ ޖަޕާން ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ދިވެހިރާއްޖޭގެ ކޯސްޓްގާޑާއި، މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް 117 މިލިއަން ރުފިޔާގެ (7.6 މިލިއަން ޔޫއެސް ޑޮލަރު/800 މިލިއަން ޖަޕަނީޒް ޔެން) ގެ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި އާދިއްތަ ދުވަހު ސޮއިކޮށްފައި ވަނިކޮށެވެ.
ޖަޕާނު ސަރުކާރުގެ މި އެހީގެ ދަށުން ކޯސްޓްގާޑާއި، މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ އިތުރުން ސަބް ރީޖަނަލް ސެންޓަރުތަކާ ކޯސްޓްގާޑު އުޅަނދުފަހަރުގެ ޤާބިލްކަން އިތުރުކުރެވިގެންދާނެއެވެ. އެގޮތުން އެންމެ ފަހުގެ މުވާސަލާތީ އާލާތްތަކާއި، މީހުން ހޯދާ ސަލާމަތްކުރުމުގައި ބޭނުންކުރާނެ އާލަތްތަކުގެ އިތުރުން ކޯސްޓްގާޑަށް ބޭނުންވާ ޑައިވް އިކުއިޕްމަންޓް ހޯދޭނެއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުވެސް ޖަޕާނުން ވަނީ 21 ޕެރަމެޑިކް އެމްބިއުލާންސް ރާއްޖެއަށް ހަދިޔާކޮށްފައެވެ. 1.4 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި މި އެހީގެ ދަށުން ހަދިޔާކުރި އެމްބިއުލާންސް 15 އަތޮޅެއްގެ 21 ރަށަށް ވަނީ ހަދިޔާކޮށްފައެވެ.