ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު މެނޭޖް ކުރެވުނީ ތަމްރީނުވެފައި ތިބި ސިއްހީ ހިދުމަތްތެރިން ތިބުމުން ކަމަށް ވިދާޅުވެ, ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން (ޗަބީ) ސިއްހީ ހިދުމަތްތެރިންނަށް ތައުރީފް ކުރައްވައިފިއެވެ.
ރާއްޖެޓީވީގެ ''ފަލަސުރުހީ'' ޕްރޮގްރާމް ގައި ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، މީހުން ބިނާކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންދޭވަރު އަހަންމިއްޔަތެއް އެހެން އެއްވެސް ސަރުކާރުން ނުދޭ ކަމަށާއި، ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން މީހުން ބިނާކުރުމަށް ސަރުކާރުން ދޭ މުހިއްމުކަން ހާމަވެފައިވާ ކަމަށެވެ.
އެހެން ވިދާޅުވެ މިނިސްޓަރު ވަނީ ރައީސް ސޯލިހު އަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފައެވެ.
ރައީސް ނިންމެވީ އަޅުގަނޑުމެން ޕްލޭން ކޮށްފައި އޮތް މީހުން ބިނާކުރުމުގެ ތިން މަޝްރޫއު ޕްލޭން ކޮށްފައިވާ ކަންތައްތަކަށް އެއްވެސް ބަދަލެއް ނުގެނެސް ކުރިޔަށް ގެންދަން. މިއީ ތާރިހަށްޓަކައި ވެސް ފާހަގަކުރަން ޖެހޭ ވަރަށް މުހިއްމު ނުކުތާއެއް ހެން.ޑރ. އިބްރާހިމް ހަސަން - ހަޔަރ އެޑިއުކޭޝަން މިނިސްޓަރު
މީހުން ބިނާކުރަން ރައީސް އަހައްމިއްޔަތުކަން ދެއްވާ ވާހަކަ އަށް މިނިސްޓަރު ބާރުދެއްވީ، ކޮވިޑާ ގުޅިގެންވެސް ސަރުކާރުން ދެމުންދާ ލޯނުގެ އެހީތަކާއި، ސްކޯލާޝިޕްތައް މެދުކެނޑުމެއް ނެތި ކުރިޔަށް ގެންދިޔުމެވެ.
ޑރ. އިބްރާހިމް ހަސަން ވިދާޅުވާ ގޮތުގައި، ރައީސްގެ އެ ނިންމެވުމުގެ މައިގަނޑު ސަބަބަކީ، ކޮވިޑުގެ ހާލަތުން އަަރައިގަތުމުގައި މަސައްކަތް ކުރުމުގައި ހަރަކާތްތެރިވި ފަރާތްތަކަކީ ސިއްހީ ދާއިރާއިން ތަމްރީނު ލިބިފައިވާ ފަރާތްތަކަށް ވާތީއެވެ. އެހެންކަމުން މީހުން ބިނާކުރުމުގައި ކޮންމެ ހާލަތެއްގައިވެސް މުހިއްމު ކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެއަށް ބާރު ދެއްވަމުން ޑރ. އިބްރާހިމް ހަސަން ވިދާޅުވީ، އެންމެ މަތީ ވަނަ ހޯދާ ދަރިވަރަކަށް ރައީސް ދެއްވާ ހާއްސަ ސްކޯލާޝިޕް އާއި ހައި އެޗީވާސް ސްކޯލަޝިޕްގެ އިތުރުން މި އަހަރު ކުރީކޮޅު ލޯނުގެ ފުރުސަތު ކުރިޔަށް ގެންދާވާނެ ކަމަށް ރައީސް ނިންމެވި ނިންމުން ކަމަށެވެ. އެއީ މީހުން ބިނާކުރުމަށް އާދަޔާ ހިލާފު ފޯރިއެއް ލިބިގެން ދިޔަ ކަމެއް ކަމަށެވެ.
އެހެން ކަމުން އެ ފަރާތްތައް ތަމްރީނުވެފައި ތިބީމަ ކޮވިޑް މެނޭޖްކުރެވުނީ. އެހެންކަމުން އެއީ މީހުން ބިނާކުރުމަކީ ކޮންމެ ހާލަތެއްގައިވެސް އިސްކަންދޭން ޖެހޭ ކަމެއް ކަމަށާއި، ގައުމަށް ދިމާވާ ބޮޑެތި ވާބާގައި މަސައްކަތްކޮށް ކުރިޔަށް ދެވޭނީ މީހުން ބިނާކޮށްގެން ކަމަށެވެ.ޑރ. އިބްރާހިމް ހަސަން - ހަޔަރ އެޑިއުކޭޝަން މިނިސްޓަރު
ކޮވިޑް-19 ގެ ސަބަބުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ މުވައްޒަފުން ގޭގައި މަސައްކަތްކުރަން ޖެހުމާއި ގުޅިގެން ބޮޑެތި ގޮންޖެހުންތަކެއްް ދިމާވި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން ރާއްޖޭގެ އިތުރުން ރާއްޖެއިން ބޭރުގެ އެކި ތަންތަނުގައި ތިބި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަސައްކަތް ކުރިޔަށް ދިޔަ ކަމަށާއި، ކޮވިޑުގެ ހާލަތާ ގުޅިގެން ދިމާވި އިގްތިސާދީ ގޮންޖެހުންތަކާއި ގުޅިގެން ކިޔަވަން ތިބި ދަރިވަރުންނަށް ކުއްލިއަކަށް ދިމާވި ދަތިތަކުން އަރައިގަތުމަށް މާލީ އެހިތެރިކަން ފޯރުކޮށް ދިނުން ކަމަށް ޑރ. އިބްރާހިމް ހަސަން ވިދާޅުވިއެވެ. އެގޮތުން 220 ދަރިވަރަކަށް ދެ މަސް ދުވަހަށް 3.3 މިލިއަން ރުފިޔާ ސަރުކާރުން ހަރަދު ކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.