ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ސީއީއޯ އަފްޝަން ލަތީފަށް މަގުތަމަތިން ޖިންސީ ފުރައްސާރަކުރި ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު އަފްޝަން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިނަމާލޭ ބްރިޖަށް ކަސްރަތުކުރައްވާ ދުވަން ނުކުމެ އުޅެނިކޮށް ބްރިޖްމަތިން ދިޔަ މީހަކު ވަނީ އޭނާގެ ގައިގައި އަތްލައި ޖިންސީ ފުރައްސާރަ ކޮށްފައި ކަމަށެވެ. އަދި އޭނާގެ އިތުރުން އެހެން މީހަކަށް ވެސް އެ މީހާ ފުރައްސާރަކުރި ކަމަށް އަފްޝަން ވިދާޅުވިއެވެ.
އެމީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށާއި އަދި އެމީހާ ހައްޔަރު ކުރުމަށް އެހީތެރިވެދިން ފުލުހުންނާ ކަސްރަތު ކުރަން ނުކުމެ އުޅުނު ފަރާތްތަކަށް އަފްޝަންވަނީ ޝުކުރު އަދާކޮށްފައެވެ.
އާއްމުން އެއްވެ އުޅޭ މާހައުލުތަކުގައި އަންހެނުންނަށް އެއްވެސް ރައްކާތެރިކަމެއް ނެތް ކަމަށާ ނަމަވެސް ފުލުހުން އެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތް ބަލައިގަންނަ ކަމަށް އަފްޝަން ވަނީ ވިދާޅުވިއެވެ. އަދި މީހުންނަށް ޖިންސީ ފުރައްސާރަ ކުރާ މީހުންނާމެދު ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ކަމަށް ވެސް އޭނާ ކުރި ޓްވީޓުގައި ވެއެވެ..
އަފްޝަން އިތުރަށް ވިދާޅުވީ އެވަގުތަކީ ހަމައެކަނި ކަސްރަތު ކުރަން ނުކުންނަ ވަގުތެއް ނޫންކަމަށާ އެއީ ބުރަ ދުވަހަކަށް ފަހު ދަރިން ނިދުމުން ނަފްސު ހަމަޖައްސާލުމަށް ލިބޭ ހަމައެކަނި ވަގުތު ކަމަށެވެ. ނަމަވެސް ބައެއް ފިރިހެނުންގެ އަމަލުތަކުގެ ސަބަބުން އަންހެނުންނަށް މިހާރު އެ ރައްކާތެރިކަމާއި އަމާންކަން ވެސް ނުލިބޭ ކަމަށް އަފްޝަން ވިދާޅުވެފައިވެ އެވެ.