ކ. މާލެ
|
22 ނޮވެންބަރ 2020 | އާދީއްތަ 21:34
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން
ޕޮލިސް
މަސްތުވާތަކެއްޗާއި އެކު މީހުން ހައްޔަރުކުރުން
ދެ ރަށަކުން މަސްތުވާތަކެއްޗާއި އެކު ތިން މީހަކު ހައްޔަރުކޮށްފި
 
ދަރަވަންދޫއިން ހައްޔަރު ކޮށްފައިވަނީ އުމުރުން 30 އަހަރުގެ މީހެއް
 
ހަނިމާދޫއިން ހައްޔަރު ކޮށްފައިވަނީ އުމުރުން 26 އަހަރުގެ މީހަކާ 32 އަހަރުގެ މީހެއް
 
މި އޮޕަރޭޝަންތައް ހިންގާފައިވަނީ ހދ. ހަނިމާދޫ އަދި ބ. ދަރަވަންދޫގަ

ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަންތައް ހިންގާފައި ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ހަނިމާދޫ އަދި ބ. ދަރަވަންދޫގައެވެ.

ހަނިމާދޫ ޕޮޮލިސް ސްޓޭޝަނަށް އެ ރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރި ކުރާ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެއްގައި ދިވެހި ދެ ފިރިހެނުން ވަނީ ހައްޔަރު ކޮށްފައެވެ. އެއީ އުމުރުން 26 އަހަރުގެ މީހަކާ 32 އަހަރުގެ މީހެކެވެ. އެ ދެމީހުން ހައްޔަރުކޮށްފައިވަނީ އެމީހުން ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 64 ރަބަރު ހޮޅިކޮޅު ފެނުމާ ގުޅިގެންނެވެ.

މި މައްސަލައާ ގުޅިގެން އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.

ދަރަވަންދޫގައި ހިންގި އޮޕަރޭޝަނަކީ މާލެއިން ދާ ބޯޓަކުން އެރަށަށް މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި، އޭދަފުށި ޕޮލިސް ސްޓޭޝަންގެ އިތުރުން ދަރަވަންދޫ ޕޮލިސް ޑެސްކް ގުޅިގެން ހިންގާފައިވާ އޮޕަރޭޝަނެކެވެ.

އެގޮތުން ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނުގައި އެރަށު ބަނދަރުމަތިން މީހަކު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅަކާއި، ޖޫސްޕެޓީ ކޮތަޅެއް ފެނުމުން އޭނާ ވަނީ ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 30 އަހަރުގެ މީހެކެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އޭދަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށްފައިވާއިރު މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
100%
0%
0%
0%
0%
0%
ކޮމެންޓް