ރާއްޖެއިން ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ އިތުރު ދިވެއްސަކު ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ގޮތުގައި އެ މީހާ ނިޔާވެފައިވަނީ އާދީއްތަ ދުވަހުގެ މެންދުރު 2:09 ހާއިރު ކަމަށެވެ. އަދި ނިޔާވި މީހާއަކީ އުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 46 އަށް އަރާފައެވެ. މިއީ މި މަސް ތެރޭގައި ރާއްޖެއިން މި ބަލީގައި ނިޔާވި އަށްވަނަ މީހާއެވެ. މި ބަލީގައި މިހާތަނަށް 38 ދިވެހިންނާއި 8 ބިދޭސީއަކު ވަނީ ދުނިޔެ ދޫކޮށްފައެވެ.
އެޗްޕީއޭއިން ހޮނިހިރު ދުވަހުގެރޭ ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުން ހުކުރު ދުވަހުގެ އިރުއޮއްސި 06:00 އިން ފެށިގެން ހޮނިހިރު ދުވަހުގެ އިރުއޮއްސި 06:00 އާއި ހަމައަށް ރާއްޖެއިން ކޮވިޑް-19 އަށް 1،561 މީހުން ޓެސްޓު ކޮށްފައިވެއެވެ. އެޗްޕީއޭއިން ބުނީ އޭގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ 32 މީހުން ކަމަށެވެ.
އެޗްޕީއޭއިން ބުނީ ޕޮޒިޓިވްވި މީހުންގެ ތެރެއިން 19 މީހުންނަކީ މާލޭ ސަރަހައްދުން ޕޮޒިޓިވްވެފައިވާ މީހުން ކަމަށާއި އަދި 13 މީހުން ޕޮޒިޓިވްވެފައި ވަނީ އަތޮޅުތެރެއިންނާއި ރިސޯޓުތަކުން ކަމަށެވެ. ޕޮޒިޓިވްވި މީހުންގެ ތެރެއިން 17 މީހުންނަކީ ދިވެހިން ކަމަށާއި އަދި 15 މީހުންނަކީ ބިދޭސީން ކަމަށެވެ.