މި މަހުގެ 3 ވަނަ ދުވަހުގެ ރޭ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި އެއްވުން އިންތިޒާމުކުރި މައްސަލައިގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ފުލުހަށް ހާޒިރުވުމަށް ޗިޓު ފޮނުވައިފިއެވެ.
މިކަމާއި ގުޅިގެން ޝުޖާއު ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ ހޯމަ ދުވަހުގެ މެންދުރުފަހު 2:30 އަށެވެ.
ނަސްރުގެ ދުވަހުގެ މުނާސަބަތާ ގުޅިގެން "ބަޑި ބުރާސްފަތި" ގެ ނަމުގައި އިދިކޮޅު ކޯލިޝަންގެ އޮފީސް ކުރިމަތީ ބޭއްވި އެ އެއްވުމުގެ ތެރެއިން ޝުޖާއު ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ނަމަވެސް، އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން އޭނާ ވަނީ ދޫކޮށްލާފައެވެ.
ބަޑި ބުރާސްފަތީގެ ނަމުގައި ޕީޕީއެމް އޮފީސް ކުރިމަތީގައި އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް ޕްރޮގްރެސިވް ކޯލިޝަނުން މުޒާހަރާކޮށްފައިވާއިރު، އެފަރާތުން ވަނީ އެ ދުވަހު ޖަލްސާ ބޭއްވުމަށް ކާނިވާ ސަރަހައްދު ހޯދުމަށް ކަމާއިގުޅުންހުރި އިދާރާތަކަށް އަންގާފައެވެ. ނަމަވެސް އެޗްޕީއޭއިން ވަނީ އެ ޖަލްސާ ވާޗުއަލްކޮށް ބޭއްވުމަށް އެ ކޯލިޝަނަށް އަންގާފައެވެ.
އެޗްޕީއޭ އިން އެގޮތަށް އެންގުމާއެކު ޝުޖާއު ވަނީ އެޗްޕީއޭއިން ދައްކާ ވާހަކަ ދިމާނުވާ ކަމަށާއި، އިދިކޮޅު ކޯލިޝަނުން ޖަލްސާއެއް ބާއްވަން ނުވަތަ ކަމެއްކުރަން ރާވާއިރަށް ވާރޗުއަލްކޮށް އެކަމެއް ކުރަން އެޗްޕީއޭއިން އެންގުމަކީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށް ބުނެފައެވެ. އަދި މިގޮތަށް ވާރޗުއަލްކޮށް ކަންކަން ބޭއްވުމަށް ފަސް އަހަރުގެ ދައުރެއް ނިންމަން ދޫދޭގޮތަށް އިދިކޮޅު ކޯލިޝަނުން ބަލަހައްޓައިގެން ނުތިބޭނެ ކަމަށްވެސް ޝުޖާއު ވިދާޅުވެފައިވެއެވެ.
މީގެ ކުރިން ވެސް އިދިކޮޅު ކޯލިޝަނުން ވަނީ އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް އެއްވުންތަކާއި ސައިކަލު ބުރުތައް ބާއްވާފައެވެ. އަދި އިދިކޮޅު ކޯލިޝަނުން ބޭއްވި އެއްވުންތަކާއި ގުޅިގެން ފުލުހުން ވަނީ އިދިކޮޅު ކޯލިޝަނުގެ އިސް މެންބަރުން ފުލުހަށް ހާޒިރުކޮށް ޖޫރިމަނާ ކޮށްފައެވެ.