މާލެސިޓީގެ ހެންވޭރު ސަލްމާން މިސްކިތުގެ އުތުރު ފަރާތުގައިވާ ޕާކިންގ ޒޯންގަ ފީދައްކައިގެން ހަތަރު ފުރޮޅުލީ އުޅަނދު ޕާކު ކުރުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު މާލެ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.
ސިޓީ ކައުންސިލުން ބުނީ، އާދިއްތަ ދުވަހު މެންދުރު 13:00 ން ފެށިގެން ފުރުސަތު ހުޅުވާފައިވާކަމަށެވެ. ސިޓީ ކައުންސިލުން ބުނީ، މި ޒޯނުން 57 ޕާކިން ސްލޮޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މަހަކު 3000 ރުފިޔާއަށް ކަމަށެވެ. އަދި، ޒޯނުން ޖާގަ ދެވޭނީ ކާރަށާއި 350 ކިލޯއަށް ވުރެ މަތިނޫން ޕިކަޕަށް ކަމަށާއި ޒޯނުތަކަށް އެދޭނީ ކައުންސިލްގެ ވެބްސައިޓްwww.malecity.gov.mvގައިވާ އެކަމަށް ޚާއްސަކޮށް ޤާއިމްކޮށްފައިވާ "ޕަރކިންގ" ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
ޕޯޓަލުން ޕާކިން ޒޯންގެ ޖާގައަށް އެދޭ ފަރާތްތައް ފުރަން ޖެހޭ މަޢުލޫމާތާއި ހުށަހަޅަން ޖެހޭ ލިޔުންތައް އަދި އަމަލު ކުރަންޖޭހޭ ގޮތް ޕާކިން އުސޫލުން އެނގެން އޮންނާނެއެވެ. އަދި މައުލޫމާތު ފުރިހަމަކޮށް ހުށަހަޅާ ފަރާތްތަކަށް ޖާގަ ހުސް ވަންދެން ޖާގަ ކަށަވަރު ވަމުން ދާނެ ކަމަށާއި ޕާކިން އުސޫލާއި ޚިލާފަށް ހުށަހަޅާ ފަރާތްތަކުގެ ހުށަހެޅުންތައް ކެންސަލްވާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
22 ނޮވެމްބަރ 2020 އިން ފެށިގެން މާލެ ސިޓީ ކައުންސިލުން ދޫކުރަން ހަމަޖެހިފައިވާ ޕަރކިންގ ޒޯންގެ ޖާގަތަކާއި ހުސްވަމުންދާ ޖާގަތައް ކައުންސިލްގެ ވެބަސްއިޓްގައިވާ ޕޯޓަލުން ފެންނަން ހުންނާނެއެވެ. ޖާގަތައް ޕޯޓަލަށް އަޕްލޯޑުވަމުންދާ ވަރަކަށް، ޖާގަތައް ހޯދަން ބޭނުންވާ ފަރާތްތަކުން ޕޯޓަލް މެދުވެރިކޮށް ޖާގަތަކަށް ހުށަހެޅޭނެއެވެ.