އަށް މަސްދުވަހަށް ފަހު ސަލްޓަންޕާކް ހޮނިހިރު ދުވަހު އާންމުންނަށް ހުޅުވާގޮތަށް ހަމަޖައްސައިފި އެވެ.
މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ސަލްޓަންޕާކް ބަންދުކޮށްފައިވަނީ ކޮވިޑް-19 އާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިއަހަރުގެ މާރޗް މަހުގެ 15 ގައި ކަމަށެވެ.
އަށް މަސްދުވަހަށްފަހު ޕާކް އަލުން އާންމުންނަށް ހޮނިހިރު ދުވަހުން ފެށިގެން ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.
ޕާކް ހުޅުވިފައި ހުންނާނީ ފަތިހު 4:30 އިން ހެނދުނު 9:00 އަށް އަދި ހަވީރު 4:30 އިން ރޭގަނޑު 9:00 އަށެވެ.
ޕާކަށްދާ ފަރާތްތަކުން މާސްކް އެޅުމާއި ގައިދުރުކަން ބެހެއްޓުމަށް ޝިފާ ވަނީ އެދިވަޑައިގެންފަ އެވެ.
ޝިފާ ވިދާޅުވީ ޕާކަށް ވަދެވޭނީ އެއްފަހަރާ ގިނަ ވެގެން 30 މީހުންނަށް ކަމަށާއި އިތުރަށް މީހުނަށް ވަދެވޭނީ އެއްބަޔަކު ނުކުތުމުން ކަމަށެވެ.
އަދި ދޮށީ އުމުރުގެ މީހުންނާއި ކަސްރަތުކުރަންދާ ފަރާތްތަކަށް ސަލްޓަންޕާކް އާއި ލޮނުޒިޔާރަތްޕާކް ހެނދުނު ވަގުތު އިސްކަންދެވިގެންދާނެ ކަމަށްވެސް މޭޔަރު ޝިފާ ވިދާޅުވި އެވެ.