ކ. މާލެ
|
20 ނޮވެންބަރ 2020 | ހުކުރު 07:52
ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށް ކުރި ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގެ ތެރެއިން
ސަން އިންވެސްޓްމަންޓް ކުންފުނީގެ މައްޗަށް ކުރި ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގެ ތެރެއިން
މުހައްމަދު ފަޒީން
އެމްއެމްޕީއާރްސީ ހިޔާނާތް
ފުއްގިރި މައްސަލައިގައި ސަން އިންވެސްޓްމަންޓުން ޖަވާބުދާރީ ވުމަށް އިތުރު ފުރުސަތެއް ދީފި
 
މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ އަތުން، 591،118،915.20ރ. ހޯދުމަށް ދައުލަތުން އެދޭ
 
ދިފާއި ވަކީލު ވިދާޅުވަނީ ލިބެންޖެހޭ ލިޔެކިޔުންތައް ހަމައަށް ލިބިފައި ނުވާކަމަށް
 
އަންނަ ޑިސެމްބަރު މަހުގައި ބޭއްވޭ އަޑުއެހުމުގައި ދައުވާއަށް ޖަވާބުދާރީވާން ޖެހޭ

އެމްއެމްޕީއާރުސީ ގެ ހިޔާނާތުގެ ފައިސާ ލޯންޑަރ ކުރުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ބައިވެރިވިކަމުގެ ތުހުމަތު ކުރެވޭ ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކޮށްފައިވާ ދައުވާއަށް ޖަވާބުދާރީ ވުމަށް އިތުރު ފުރުސަތެއް ދީފިއެވެ.

ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އިތުރު ފުރުސަތެއް ދޭން ނިންމީ، ސަން އިންވެސްޓްމަންޓްގެ ވަކީލަށް މައްސަލައާ ގުޅޭ ލިޔެކިޔުންތައް ހަމައަށް ލިބިފައި ނުވާކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.

ދިފާއީ ވަކީލު އެގޮތަށް ވިދާޅުވުމާއި ގުޅިގެން މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، އެންމެ ފަހުން މި މައްސަލައިގެ އަޑުއެހުމެއް ބާއްވާފައި ވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހު ކަމަށާއި އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް މައްސަލާގައި ބައެއް ލިޔެކިޔުންތައް ނުލިބޭ ކަމަށް ވިދާޅުވުމަކީ، މި މައްސަލަ ކުރިއަށް ގެންދިއުމަށް އެޅޭ ހުރަހެއް ކަމަށެވެ.

ނަމަވެސް ގާޒީ ވަނީ ދިފާއީ ވަކީލަށް ލިބެންޖެހޭ ލިޔެކިޔުންތައް ވަކިވަކިން ސާފުކޮށް، އެ ލިޔެކިޔުންތައް ފޯރުކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހުގެ ގާނޫނީ ވަކީލުގެ އަރިހުން އެެދިވަޑައިގަންނަވާފައެވެ. އަދި ލިޔެކިޔުންތައް ހަމަކޮށް، އަންނަ ޑިސެމްބަރު މަހު ބޭއްވޭ އަޑުއެހުމުގައި ދައުވާއަށް ޖަވާބުދާރީ ވުމަށް ތައްޔާރުވެވަޑައިގެން ވަޑައިގެންނެވުމަށް ގާޒީ އެދިލެއްވިއެވެ.

ދައުލަތުން އުފުލި ދައުވާގައި މައިގަނޑު ގޮތެއްގައި ބުނެފައި ވަނީ، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ރ. ފުއްގިރި ކުށްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ރައީސް ޔާމީން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، އަހުމަދު ކްރިކް ރިޒާ، މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި، 1،117،000 (އެއް މިލިއަން އެއް ލައްކަ ސަތާރަ ހާސް) ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ ކަމަށެވެ.

އެގޮތުން ބޭންކް އޮފް ސިލޯންގައިވާ ކުރިކް ރިޒާގެ އެކައުންޓަށް 1،117،000 (އެއް މިލިއަން އެއް ލައްކަ ސަތާރަ ހާސް) ޑޮލަރު، ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ހުޅުވާފައިވާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިންގ ކުންފުނީގެ އެކައުންޓަށް ޖަމާކޮށް، ސަން ސިޔާމުގެ އެހެން ކުންފުންޏެއް ކަމަށްވާ ސަން އިންވެސްޓްމަންޓް ކުންފުނި މެދުވެރިކޮށް، ރައީސް ޔާމީންއަށް ފައިސާ ފޯރުކޮށްދީފައިވާ ކަމަށް ދައުލަތުން ބުންޏެވެ.

ކުރިކް ރިޒާއާއި ސަން އިންވެސްޓްމަންޓް ކުންފުނީގެ ދެމެދުގައި ހިންގާފައިވާ މުއާމަލަތަކީ ޑޮލަރު މާރުކުރުމުގެ ނަމުގައި ހިންގާފައިވާ މުއާމަލާތެއް ކަމަށް ދައްކަން މަސައްކަތްކޮށްފައިވާ ކަމަށް ވެސް ދައުލަތުން ބުންޏެވެ. ރައީސް ޔާމީންއަށް މި މައްސަލައިގައި ހިމެނޭ ފައިސާ ފޯރުކޮށްދީފައި ވަނީ ސަން އިންވެސްޓްމަންޓް ކުންފުނިންނެވެ.

މި މައްސަލައާއި ގުޅިގެން، ރައީސް ޔާމީނާއި މި މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ އަތުން، 591،118،915.20ރ. (ފަަސް ސަތޭކަ ނުވަދިހަ އެއް މިލިއަން އެއް ލައްކަ އަށާރަ ހާސް ނުވަ ސަތޭކަ ފަނަރަ ރުފިޔާ ވިހި ލާރި) ހޯދުމަށް ދައުލަތުން މަސައްކަތް ކުރާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
0%
50%
0%
0%
50%
ކޮމެންޓް