ބަރުލަމާނީ ނިޒާމަކީ އެއްވެސް ތާކުންތާކު ޖެހޭ ނިޒާމެއް ނޫން ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފާޑުވިދާޅުވެއްޖެއެވެ.
ވެރިކަމުގެ ނިޒާމަށް އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ގެންދަނީ ވަކާލާތުކުރަމުންނެވެ.
އެކަމާއި ގުޅޭ ގޮތުން ރާއްޖެޓީވީގެ ''ފަލަ ސުރުހީ'' ޕްރޮގްރާމްގައި ގާސިމް ވިދާޅުވީ، ބަރުލަމާނީ ނިޒާމަކީ މަދު ވޯޓަކުން މީހަކު ބޮޑުވަޒީރު ކަމުގެ މަގާމަށް އިންތިހާބުވެ ވަޑައިގަންނަވާ ނިޒާމަކަށްވީއިރު ބަރުލަމާނީ ނިޒާމެއްގައި ބޮޑުވަޒީރަށް އަންނާނީ ކޮންމެވެސް ދާއިރާއަކުން ރައްޔިތުން އިންތިހާބު ކުރާ މީހެއް ކަމަށެވެ.
އެހެންކަމުން އެ މީހަކީ ރައްޔިތުންގެ ތާއީދާއެކު ވެރިކަމަށް އަންނަ މީހަކަށް ނުވާއިރު ރިޔާސީ ނިޒާމާ ހިލާފަށް އެ މީހަކަށް ރައްޔިތުންގެ އިހުސާސްތައް ދެނެވަޑައިނުގަންނަވާ ކަމަށް ގާސިމް ވިދާޅުުވިއެވެ.
ސަބަބެއް ކަމަށް ގާސިމް ވިދާޅުވީ، ބަރުލަމާނީއަށް ތާއިދު ކުރައްވަނީ އަމިއްލަ ބޭނުމަށް ރައްޔިތުންގެ ވޯޓު ހޯދައިގެން ވެރިކަމަށް އާދެވިދާނެ ކަމަށް ގަބޫލުކުރައްވާ މީހުން ކަމަށެވެ.
އެއީ ތާކުން އަޅުގަނޑުމެން ކުރީގައި ތަޖުރިބާ ވެސް ކޮށްފިން. އެއީ އަމިއްލަ ބޭނުމަށް ރައްޔިތުންގެ ވޯޓް ހޯދައިގެން ތިމާޔަށް ވެރިކަމަށް އާދެވޭނެތޯ ގަބޫލުކުރާ މީހުން އެއަށް ބޮޑަށް ތާއިދު ކުރައްވާނީ އެކަމާއި ދެކޮޅަށް ދާން ޖެހިއްޖެއްޔާ ނިކުންނާން ކެމްޕޭންއަށް ވެސްގާސިމް އިބްރާހިމް - ޖުމްހޫރީ ޕާޓީގެ ލީޑަރު
ގާސިމް ވިދާޅުވީ، ރައްޔިތުންނަށް އެންމެ ފާއިދާހުރީ ޖުމްހޫރީ ނިޒާމުގައި ކަމަށާއި ބަރުލަމާނީ ނިޒާމް ގެންނަވަން މަސައްކަތް ކުރާނަމަ އެކަމާއި ދެކޮޅަށް ނިކުންނަވާ ކަމަށެވެ.
ބަރުލަމާނީ ނިޒާމަށް ގާސިމް ފާޑުވިދާޅުވެފައިވާއިރު، ބަރުލަމާނީ ނިޒާމަށް އެމްޑީޕީން ތާއިދުކުރަން ފެށީ ރާއްޖޭގައި ފެންނަން އޮންނަ ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން 2007 ވަނަ އަހަރު ވޯޓު ނެގި ހިސާބުންނެވެ. އެ ވޯޓުން ރައްޔިތުން ނިންމީ ރާއްޖޭގައި އޮންނަން ވާނީ ރިޔާސީ ނިޒާމެއް ކަމަށެވެ. ނަމަވެސް އެ ވޯޓުގެ ނަތީޖާ އޭރު އެމްޑީޕީން ބަލައިނުގަންނަ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ވެރިކަމުގެ ނިޒާމާ ގުޅޭ ގޮތުން އެ މަނިކުފާނު ދައްކަވާ ވާހަކަ އިތުރުވީ މަޖިލީސް ރައީސްއަށް ވަޑައިގަތް ހިސާބުންނެވެ. ނަޝީދުގެ ނަޒަރުގައި ރާއްޖޭގައި އޮންނަން ޖެހޭ ހަމައެކަނި ނިޒާމަކީ ބަރުލަމާނީ ނިޒާމެވެ.
މީގެ ކުރިން ރައީސް ނަޝީދު ވިދާޅުވީ، ބަރުލަމާނީ ނިޒާމެއް ގެނައުމުގެ މަސައްކަތް ކުރައްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކަން ކުރައްވަން ބޭނުންފުޅު ވެވަޑައިގަތުމުން ކަމަށެވެ. ނިޒާމާއި ގުޅޭ ގޮތުން ރައީސް ސޯލިހުއާ ނޫސްވެރިޔަކު ސުވާލު ކުރެއްވުމުން އެ މަނިކުފާނު ވިދާޅުވެެފައި ވަނީ، ބަރުލަމާނީ ނިޒާމް ގެންނަނަމަ އެންމެ ފުރަތަމަ ވެސް އަހަން ޖެހޭނީ ރައްޔިތުން ގާތުގައި ކަމަށެވެ. އަދި މިވަގުތު ނިޒާމު ބަދަލުކުރުމަށް މަސައްކަތް ނުކުރައްވާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.