އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި ދަރަނި ދެއްކުމަށް ޖަހާފައިހުރި ފައިސާއަކީ ކުރީ ސަރުކާރުތަކުން ނަގާފައި ހުރި ލޯނުތައް ދެއްކުމަށް ބަޖެޓުގައި ހިމަނާފައިހުރި ފައިސާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ހޯރަފުށީ އެއަރޕޯޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ކުރީގެ ރައީސް ޔާމީން ވެރިކަމާ ހަވާލުވިއިރު ދައުލަތުގެ ދަރަނި ހުރީ 26 ބިލިއަން ރުފިޔާގައި ކަމަށާއި ނަމަވެސް އެ މަނިކުފާނު ފައިބާ ވަޑައިގެންނެވިއިރު އެދަރަނި 60 ބިލިއަން ރުފިޔާއަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގައި މިހާތަނަށް ދައުލަތުގެ ދަރަނި އިތުރުވެފައި ވާނީ 15 ބިލިއަން ރުފިޔާއަށް ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ ވެރިކަމާ ހަވާލުވިއިރު، ދައުލަތުގެ ރިޒާވްގައި ހުރީ 250 މިލިއަން ޑޮލަރު ކަމަށާއި، މި ދަތި ހާލުގައި ވެސް އެ އަދަދަށް ދައުލަތުގައި ޑޮލަރު ހުންނާނެ ކަމަށެވެ. އަދި މި ވެރިކަމުގައި ރާއްޖޭގެ ހަރުމުދާ ނުވިއްކާނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށައަޅާފައި 34.7 ބިލިއަން ރުފިޔާގެ ބަޖެޓަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަކީ މިހާރުގެ ހާލަތަށް ބަލައި ހުށައެޅެނެ އެންމެ ރަނގަޅު ބަޖެޓު ކަމަށެވެ.
ރައީސް ޞާލިހު ވިދާޅުވީ ބަޖެޓަށް ފާޑުވިދާޅުވުމަކީ ކުރެވިދާނެ ފަސޭހަ ކަމެއް ކަމަށާއި، ނަމަވެސް ސަރުކާރުގެ މަސައްކަތަކީ ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް ދިނުން ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ ފުރިހަމަ އެއްބާރުލުން މި ވަގުތު ބޭނުންވާ ކަމަށާއި، މިއީ ޤައުމުގެ ހައްގުގައި މަސައްކަތް ކޮށް ރައްޔިތުންނަށް ހެޔޮގޮތް ހޯދުމަށް މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ.
އެ މަނިކުފާނު ވިދާޅުވި މިވަގުތަކީ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލައި، ފަހަށް ޖެހެންވީ ވަގުތު ނޫން ކަމަށާއި އަންނަ އަހަރުގެ ބަޖެޓުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ތަރައްޤީގެ މަޝްރޫއުތައް ހިމަނާފައިވާއިރު، އެކަންކަން ތަންފީޒުވާނީ ބަޖެޓް ފާސްކޮށްދެއްވައިގެން ކަމަށެވެ. އެގޮތުން ރައީސް ވަނީ އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓު ފާސްކޮށްދެއްވުމަށް މަޖިލިސް މެންބަރުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.