ކ. މާލެ
|
20 ނޮވެންބަރ 2020 | ހުކުރު 00:58
ރައީސް އިބްރާޙީމް މުހައްމަދު ޞާލިހު ހޯރަފުށީ އެއަރޕޯޓް ހުޅުވައިދެއްވުމަށް އެރަށަށް ކުރެއްވި ތާރީހީ ދަތުރުގެ ތެރެއިން
ރައީސް އިބްރާޙީމް މުހައްމަދު ޞާލިހު ހޯރަފުށީ އެއަރޕޯޓް ހުޅުވައިދެއްވުމަށް އެރަށަށް ކުރެއްވި ތާރީހީ ދަތުރުގެ ތެރެއިން
ރައީސް އޮފީސް
ފަޅުރަށްތައް ނުއަގުގައި ވިއްކުން
ކުރީގެ ރައީސް ޔާމީން ވަޑައިގަތީ ފަޅުރަށްތަަކުން ލިބުނު ފައިސާކޮޅު ވެސް ހިފައިގެން: ރައީސް ޞާލިހު
 
އަންނަ އަހަރުގެ ބަޖެޓުގައި މަޝްރޫޢުތައް ހިންގުމަށް ކަނޑައަޅާފައިވާނީ އެކަމަށް ހޭދަކުރާނެ ފައިސާ ހަމަޖެހިފައިވާތީ
 
އޭގެން އެއްވެސް ރަށެއްގައި ރިސޯޓު ހެދިފައިނުވޭ
 
ރައީސް ޔާމީންގެ ސަރުކާރުން 85 ރަށެއް ރިސޯޓު ހެދުމަށް ވިއްކާފައިވޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެ މަނިކުފާނުގެ ވެރިކަން ނިންމަވާފައި ވަޑައިގަތީ ރާއްޖޭގެ ފަޅު ރަށްތައް ވިއްކާފައި ލިބުނު ފައިސާކޮޅު ވެސް ހިފައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ހޯރަފުށީ އެއަރޕޯޓު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރާއްޖޭގެ ބަޖެޓަށާއި، ލޯނުތައް ދެއްކުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން 85 ރަށެއް ރިސޯޓު ހެދުމަށް ވިއްކާފައިވާ ކަމަށާއި، ނަމަވެސް އޭގެން އެއްވެސް ރަށެއްގައި ރިސޯޓު ހެދިފައިނުވާ ކަމަށެވެ.

އެހެންކަމުން އެ ރަށްތަކުން ދައުލަތަށް ވަންނަންޖެހޭ އެއްވެސް ފައިސާއެއް ވަންނަމުން ނުދާ ކަމަށާއި އެ ފައިސާ ބަޖެޓުގައި ހުރިނަމަ މިފަދަ ދަތި ހާލަތެއްގައި ރައްޔިތުންނަށް ބޭނުންވާނެ ގިނަ ކަންތަކެއް އޭގެން ކޮށްދެވުނީސް ކަމަށެވެ.

ރަށްތައް ވިއްކާފައި ލިބުނު ފައިސާ ބަޖެޓުގައި ހުރިނަމަތާ މިފަދަ ދަތި ހާލަތެއްގައި ރައްޔިތުންނަށް ބޭނުންވާނެ ކަންކަން ކޮށްދެވޭނީ. ފައިސާކޮޅު ވެސް ހިފައިގެން ވަޑައިގަތީ. މި ސަރުކާރުން މިހާތަނަށް އައިއިރު، އެންމެ ރަށެއްވެސް އެގޮތަށް ބަޔަކަށް ވިއްކާފައި ނުވާނެ. ސަރުކާރުން މަސައްކަތްކުރާނީ ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަންދީގެން. އަޅުގަނޑު ރައްޔިތުންނަށް ގެއްލުންވާނެ އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަން އަރުވަން.
ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިހު

ސަރުކާރުން ހަރުމުދާ ވިއްކާ ކަމަށް އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ތުހުމަތުތަކަށް ރައްދު ދެއްވަމުން ރައީސް ޞާލިހް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި މަޝްރޫޢުތައް ހިންގުމަށް ކަނޑައަޅާފައި ވާނީ އެކަމަށް ހޭދަކުރާނެ ފައިސާ ހަމަޖެހިފައިވާތީ ކަމަށެވެ. އަދި އެ މަނިކުފާނުގެ ފައިނޭންޝަލް ޓީމަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި، އިރާދަކުރެއްވިއްޔާ ހަރުމުދާ ނުވިއްކާ މި ރާއްޖެ އަމާން އައްސޭރިއަކަށް ގެންގޮސްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބަޖެޓަކީ މިއަދުގެ ހާލަތަށް ބަލައި ހުށައެޅޭނެ އެންމެ ރަނގަޅު ބަޖެޓް ކަމަށެވެ. އެގޮތުން މި ދަތި އުނދަގޫ ވަގުތު ސަރުކާރުން ކޮށްދޭންޖެހޭ އެންމެ މުހިންމު ކަމަކީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވޭތުވެދިޔަ ތަނުގައި އެކަން ވަރަށް ފުރިހަމައަށް ކޮށްފައިވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
22%
11%
0%
33%
0%
33%
ކޮމެންޓް