ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކުގައި ތިބި ކުދިންގެ ތެރެއިން، ނަފްސާނީ ފަރުވާ (ކައުންސެލިންގ) އާއި އިޖްތިމާޢީ އެހީތެރިކަން ބޭނުންވާ ކުދިންނަށް ޤަވާއިދުން އެޚިދުމަތްތައް ފޯރުކޮށްދެވެމުން ނުދާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއިން ބުނެފި އެވެ.
މިއަދަކީ ކުޑަކުދިންނަށް ކުރާ އަނިޔާއާއި ދެކޮޅަށް ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހެވެ.
މިދުވަހާއި ގުޅިގެން އެޗްއާރްސީއެމްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ތަރައްޤީވަމުން އަންނަ އެހެން ގައުމުތަކެކޭ އެއްފަދައިން ދިވެހިރާއްޖޭގެ އާބާދީގެ ބޮޑުބައެއްވެސް ޙިއްސާކުރަނީ ކުޑަކުދިން ކަމަށެވެ. މިގޮތުން, 2014 ވަނަ އަހަރުގެ ބޯހިމެނުމުގެ ތަފާސްހިސާބުގައިވާ ގޮތުން، ދިވެހިރާއްޖޭގެ އާބާދީގެ 33 އިން ސައްތަ ޙިއްސާކުރަނީ ކުޑަކުދިންނެވެ.
ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 35 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، އާއިލާގެ ފަރާތުންނާއި ޖަމާޢަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ޚާއްސަ އެހީތެރިކަމާއި ޚާއްސަ ރައްކާތެރިކަން ލިބުމަކީ ކުޑަކުދީންނާއި ޅަފުރައިގެ ކުދިންނަށް ލިބިގެންވާ ޙައްޤެކެވެ. އަދި ކުޑަކުދީންނާއި ޅަފުރައިގެ ކުދީންނަށް އެއްވެސް ގޮތަކުން ހާނީއްކަކޮށް، ޖިންސީ ގޮތުން އަނިޔާކޮށް، އެއްވެސް ގޮތަކުން ތަފާތުކޮށް، އެކަށީގެންނުވާ އިޤްތިޞާދީ އަދި އިޖްތިމާޢީ ކަންކަމުގައި ކުޑަކުދިން ބައިވެރިކޮށް، އެ ކުދިންގެ ފުށުން ނާޖާއިޒް މަންފާތައް ހާސިލްކުރުމަށް ހަމަ އެކަކުވެސް މަސައްކަތްކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
ޔުނިސެފްއިން 2020 ވަނަ އަހަރު އާންމުކޮށްފައިވާ 'ގްލޯބަލް ސްޓޭޓަސް ރިޕޯޓް އޮން ވަޔަލެންސް އެގެއިންސްޓް ޗިލްޑްރަން' ގައިވާ ގޮތުން ޢުމުރުން 2 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން، ކޮންމެ 2 ކުއްޖަކުން 1 ކުއްޖަކު ކޮންމެވެސް ބާވަތެއްގެ އަނިޔާއެއް ތަޙަމަލްކުރަންޖެހެ އެވެ.
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން ސެޕްޓެންބަރު މަހުގެ ނިޔަލަށް ކުޑަކުދިންނަށް ކުރާ އަނިޔާގެ ޖުމްލަ 889 މައްސަލައެއް ވަނީ ހުށަހެޅިފައިވެ އެވެ.
ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު، 2018 ވަނަ އަހަރު 22 މައްސަލައާއި، 2019 ވަނަ އަހަރު 18 މައްސަލަ އަދި 2020 ވަނަ އަހަރުގެ މިހާތަނަށް 22 މައްސަލަ ހުށަހަޅާފައިވެ އެވެ. މި މައްސަލަތަކުގެ ތެރޭގައި ގަނާކުރުމުގެ މައްސަލަތަކާއި، އާއިލާގެ ފަރާތުން އިހުމާލުވުމާއި، ޖިންސީ ގޯނާއާއި، ނަފްސާނީ އަދި ޖިސްމާނީ އަނިޔާއާއި، ދައުލަތުގެ މުއައްސަސާތަކުން ކުޑަކުދިންގެ ޙައްޤުތަކަށް އިހުމާލުވުމުގެ މައްސަލަތައް ހިމެނެ އެވެ.
އެހެންކަމުން، އަނިޔާއިން ކުޑަކުދިން ރައްކާތެރިކޮށް ކުޑަކުދިންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނާއި ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު ފުރިހަމައަށް ތަންފީޒުކުރުމުގެ މުހިންމުކަން އެޗްއާރްސީއެމްއިން ވަނީ ފާހަގަކޮށްފަ އެވެ.
މީގެ އިތުރުން، އަނިޔާގެ ޝިކާރައަށްވާ ކުދިންނަށް ލަސްވުމެއްނެތި ރައްކާތެރިކަން ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކޮށް، އެފަދަ ކުދިންނާއި އާއިލާތަކަށް އިންސާފު ހޯދައިދިނުން އަވަސްކުރަންޖެހޭ ކަމަށް އެޗްއާރްސީއެމްއިން ވަނީ ބުނެފަ އެވެ.
އަދި ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓާ ކުޑަކުދިންގެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި، އެކުދިންނަށް ފޯރުކޮށްދޭންޖެހޭ ނަފްސާނީ ފަރުވާއާއި އިޖްތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ސަރުކާރަށް ހުށަހަޅާފައިވާ ހުށަހެޅުން ވީހާވެސް އަވަހަށް ތަންފީޒުކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ކުޑަކުދިންނަށް ކުރާ އަނިޔާއިން އެކުދިން ރައްކާތެރިކުރުމާއި، އެފަދަ އަނިޔާތައް ހިނގިޔަ ނުދިނުމަށް އެޅެންހުރި ފިޔަވަޅުތައް އެޅުމާއި، އަނިޔާގެ ޝިކާރައަށްވާ ކުދިންނަށް ޙިމާޔަތާއި ރައްކާތެރިން ފޯރުކޮށްދިނުމަށް ބާރުއެޅުމާއި އަދި ކުޑަކުދިންނަށް ކުރާ އަނިޔާއާ މެދު މުޖްތަމަޢު ހޭލުންތެރިކޮށް، އަނިޔާއާ ދެކޮޅަށް ކުޑަކުދިން ބާރުވެރިކުރުވުމެވެ.