ކ. މާލެ
|
19 ނޮވެންބަރ 2020 | ބުރާސްފަތި 17:19
ރައީސް އިބްރާޙީމް މުހައްމަދު ޞާލިޙު ހޯރަފުށީ އެއަރޕޯޓު ހުޅުވުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން
ރައީސް އިބްރާޙީމް މުހައްމަދު ޞާލިޙު ހޯރަފުށީ އެއަރޕޯޓު ހުޅުވުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން
ރާއްޖެއެމްވީ
ހޯރަފުށީ އެއަރޕޯޓު ހުޅުވުން
ހޯރަފުށީ އެއަރޕޯޓަކީ މުޅި އިހަވަންދިއްޕޮޅު ތަރައްޤީ ކުރުމުގެ ފެށުން: ރައީސް ޞާލިޙު
 
ހޯރަފުށިން ފަތުރުވެރިކަމަށް ދޫކުރާނެ ބިންތައް ވާނީ ކަނޑައެޅިފަ
 
ކައިރި ރަށްރަށުގެ ރައްޔިތުންނަށްވެސް މި އެއަރޕޯރޓް ބޭނުންކުރެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެހިގެންދާނެ
 
އިހަވަންދިއްޕޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް ވަޒީފާގެ އެތައް ފުރުޞަތެއް ތަނަވަސްވެގެންދާނެ

ހޯރަފުށީ އެއަރޕޯޓް ރަސްމީކޮށް ހުޅުވިގެން ދިއުމަކީ، މުޅި އިހަވަންދިއްޕޮޅު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ފެށުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ހޯރަފުށީ އެއަރޕޯޓް ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ، އެ އެއަރޕޯޓު ހުޅުވިގެން ދިއުމުން ރަމްޒުކޮށްދެނީ، ރާއްޖޭގެ ރަށްތަށް ލާމަރުކަޒު ކުރުމުގައި ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އެގޮތުން މި އެއަރޕޯޓާއެކު ލާމަރުކަޒީ ނިޒާމުގެ ތެރެއިން މުޅި އިހަވަންދިއްޕޮޅު ތަރައްގީ ކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޞާލިހު ވިދާޅުވީ، ހޯރަފުށީ އެއަރޕޯޓާއެކު، އިހަވަންދިއްޕޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް ވަޒީފާގެ އެތައް ފުރުޞަތެއް ތަނަވަސް ވެގެން ދާނެ ކަމަށާއި، އަދި މި އެއަރޕޯރޓް އިތުރަށް ތަރައްޤީވެ ފުރިހަމަވެގެން ދާއިރު، ކައިރި ރަށްރަށުގެ ރައްޔިތުންނަށް ވެސް، މި އެއަރޕޯރޓް ބޭނުންކުރެވޭނެ ފަސޭހަ އިންތިޒާމެއް ހަމަޖެހިގެން ދާނެ ކަމަށެވެ.

މިއީ މުޅި އިހަވައްދިންޕޮޅު ތަރައްޤީކުރުމުގެ ފެށުން. މިއީ، ތުރާކުނާއި، އުލިގަމާއި، މޮޅަދުއާއި، އިހަވަންދޫ، އަދި ތަކަންދޫ މާރަންދޫގެ ރައްޔިތުން ވެސް، އުންމީދު ކުރަމުން އައި ތަރައްޤީ ގެނެސްދޭނެ އެންމެ މުހިންމު އެއް ވަސީލަތް.
ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިޙު

ހޯރަފުށީ އެއަރޕޯޓަކީ، އެ ސަރަޙައްދުގެ ފަތުރުވެރިކަމަށް ލިބުނު ވަރަށް ބޮޑު އުންމީދެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެމަނިކުފާނު ދެކިލައްވާ ގޮތުގައި މިހާރު އެ ސަރަޙައްދުގައި ރަށު ފަތުރުވެރިކަން ތަރައްޤީކުރުމުގެ ވަގުތު މިވަނީ ޖެހިފައެވެ. އެގޮތުން ހޯރަފުށިން ފަތުރުވެރިކަމަށް ދޫކުރާނެ ބިންތައް، ޤާނޫނުގައިވާ ގޮތުގެ މަތިން، ޕްލޭނިން މިނިސްޓްރީގެ ލަފަޔާއެކު، މިދިޔަ ހޯމަ ދުވަހު ކަނޑައަޅާފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަށުގެ ތަރައްޤީގެ ޕްލޭނާ އެއްގޮތަށް އެކަމަށް އަވަހަށް ބިން ދޫކުރަން ފެށުމަށް ރައީސް ވަނީ ހޯރަފުށީ ކައުންސިލަށް ގޮވާލާފައެވެ.

ރައީސް ޞާލިހު ވިދާޅުވީ، މިހާތަނަށް ހއ. އަތޮޅުގައި ފަތުރުވެރިކަމުގެ މާގިނަ ފުރުޞަތުތަކެއް ނެތް ނަމަވެސް، މި އެއަރޕޯރޓާއެކު، ފަތުރުވެރިކަމުގެ ވަރަށް ފަހި ފުރުޞަތުތަކެއް، މި ސަރަޙައްދުގައި ތަނަވަސްވާނެ ކަމަށާއި، އެގޮތުން، ހއ. ކެލާގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރަން، އެރަށުގެ އަށް ލައްކަ އަކަފޫޓަށް ވުރެ ބޮޑު ސަރަޙައްދެއް މިދިޔަ އާދީއްތަ ދުވަހު ބީލަމަށް ހުޅުވާލާފައިވާ ކަމަށެވެ.

މީގެ އިތުރުން، އުލިގަމުގައި ޓޫރިސްޓް ހޮޓަލަކާއި ޔޮޓް މެރީނާއެއް ތަރައްޤީކުރަން، ދެވަނަ ފަހަރަށް ވަރަށް އަވަހަށް ބީލަމަށް ހުޅުވައިލާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އުލިގަމަށް ބަނދަރުކުރާ ޔޮޓް ފަހަރުން، ކުރިން ނަގަމުން އައި ފީ ވެސް މިހާރު ވާނީ ވަރަށް ބޮޑަށް ކުޑަކޮށްފައި ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

ދެން އެންމެ އަވަހަށް ރިސޯޓް ތަރައްޤީ ކުރާ ތަންތަނުގެ ތެރޭގައި، ދިއްދޫގެ ދެކުނުން އޮތް އަލިދުއްފަރު ފިނޮޅު ވާނެ. މިރަށުގެ އުތުރުން އޮތް މެދަފުށި ވެސް ރިސޯޓެއްގެ ގޮތުގައި ތަރައްޤީކުރަން ވަރަށް އަވަހަށް ބީލަމަށް ހުޅުވައިލާނަން. މީގެ އިތުރުން ވެސް ހއ، ހދ، ށ އަދި ނ. އަތޮޅުގެ ބައެއް ރަށްތައް އަންނަ އަހަރުގެ ކުރީކޮޅު ފަތުރުވެރިކަން ތަރައްޤީކުރަން ބީލަމަށް ލުމަށް ވާނީ ނިންމާފަ.
ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ޞާލިޙު

ރައީސް ވިދާޅުވީ، ފަތުރުވެރިކަން ލާމަރުކަޒު ކުރާއިރު އެންމެ މުހިންމު ކަމަކީ، މާލެ ނޫން ސަރަޙައްދުތަކަށް ބޭރުގެ ފްލައިޓްތައް ޖެއްސޭނެ އިންތިޒާމުތައް ހަމަޖެއްސުން ކަމަށެވެ. އަދި އެކަމަށްޓަކައި، ހަނިމާދޫގައި މުޅިން އައު ބައިނަލްއަޤްވާމީ އެއަރޕޯރޓެއް ހެދުމުގެ މަސައްކަތް އަންނަ އަހަރު ފެށިގެން ދާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ މަސައްކަތް ނިމޭއިރު، ބޭރުގެ ފްލައިޓްތަކުން އަންނަ ފަތުރުވެރިން ސީދާ ބޮޑުތިލަދުންމައްޗަށް ފައިބަން ފަށާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް