ކ. މާލެ
|
18 ނޮވެންބަރ 2020 | ބުދަ 13:33
އެމިރޭޓްސް އިން ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރު ވެރިން
އެމިރޭޓްސް އިން ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރު ވެރިން
މޯލްޑިވްސް އިންސައިޑަރ
ފަތުރުވެރިން
މި އަހަރުގެ މިހާތަނަށް ހަތަރު ލައްކައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފި
 
މި މަހުގެ 17 ވަނަ ދުވަހާ ހަމަޔަށް 91 ގެސްޓް ހައުސްއެއް ހުޅުވުމުގެ ހުއްދަ އަލުން ދޫކޮށްފައިވޭ
 
ނޮވެމްބަރު މަސް ނިމެންވާއިރަށް މަދުވެގެން ބައިނަލްއަޤްވާމީ 18 އެއަރލައިނަކުން ދަތުރުތައް ފަށާނެ
 
ޖުލައި 15 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލި ފަހުން 57350 ފަތުރު ވެރިން އައިސްފައިވޭ

މި އަހަރުގެ މިހާތަނަށް ހަތަރު ލައްކަައަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބު ތަކުން ދައްކާ ގޮތުގައި ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރ މަހުގެ 16 ވަނަ ދުވަހާއި ހަމައަށް 440197 ( ހަތަރު ލައްކަ ސާޅީސްހާސް އެއްސަތޭކަ ނުވަދިހަ ހަތް) ފަތުރުވެރިން ވަނީ އައިސްފަ އެވެ. އަދި ކޮވިޑް-19 އާއި ގުޅިގެން މާރޗް މަހު ބޯޑަރު ބަންދު ކުރުމަށް ފަހު ޖުލައި 15 ވަނަ ދުވަހު ބޯޑަރު އަލުން ހުޅުވާލި ފަހުން 57350 ( ފަންސާސް ހަތްހާސް ތިން ސަތޭކަ ފަންސާސް) ފަތުރު ވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބު ތަކުން ދައްކައެވެ.

ބޯޑަރު އަލުން ހުޅުވާލި ފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައި ވަނީ ރަޝިއާއިންނެވެ. އެ ގައުމުން މިހާތަނަށް 12529 (ބާރަހާސް ފައްސަތޭކަ ނަވާވީސް) ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ޔުނައިޓެޑް އަރަބް އެމިރޭޓްސް، އެމެރިކާ، އިނގިރޭސިވިލާތް، އިންޑިއާ، ޖަރުމަނުވިލާތް، ފްރާންސް، ބްރެޒިލް، ޔޫކްރެއިން އަދި ސްޕެއިން ފަދަ ގައުމުތަކުން ވެސް ރާއްޖެއަށް ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވެ އެވެ.

ނޮވެމްބަރު މަހުގެ މިހާތަނަށް 16968 (ސޯޅަހާސް ނުވަސަތޭކަ ފަސްދޮޅަސް އަށް) ފަތުރުވެރިން އައިސްފައިވާއިރު އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. އެގޮތުން އާދިއްތަ ދުވަހު 2101 ފަތުރުވެރިއަކު އައިސްފައިވާ ކަމަށް ދައްކަ އެވެ. ފަތުރުވެރި ކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު ކުރިއަށް އޮތް ހަފްތާއިން ފެށިގެން ރާއްޖެއަށް އަންނަ ފަތުވެރިންގެ އަދަދު އިތުރުވެގެންދާނެ އެވެ. ސަބަބަކީ ކުރިއަށް އޮތީ ފަތުރުވެރިކަމުގެ "ސީޒަން" ދުވަސްވަރު ކަމަށް ވުމުންނެވެ.

ކުރިއަށް އޮތީ އެހެނިހެން ގައުމުތަކަށް ފިނިމޫސުމުގެ ދުވަސްވަރަށް ވުމުން މި ދުވަސްވަރާއި ދިމާކޮށް މިމަހުގެ ބާކީއޮތް ދުވަސްތަކާއި އަންނަ މަހުގެ ތެރޭގައިވެސް ރާއްޖެއަށް ގިނަ އެއަރލައިން ތަކަކުން ދަތުރުތައް ފެށުމަށްވެސް މިހާރު ވަނީ ޝެޑިއުލްކޮށްފަ އެވެ. އެގޮތުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވެސް ވަނީ، ނޮވެމްބަރު މަސް ނިމެންވާއިރަށް މަދުވެގެން ބައިނަލްއަޤްވާމީ 18 އެއަރލައިނަކުން ދަތުރުތައް ފަށާނެކަމަށް މީގެކުރިން ވިދާޅުވެފަ އެވެ.

މި މަހުގެ 17 ވަނަ ދުވަހާ ހަމަޔަށް 91 ގެސްޓް ހައުސްއެއް ހުޅުވުމުގެ ހުއްދަ އަލުން ދޫކޮށްފައިވާއިރު މިއީ އަށް އަތޮޅަކުން 22 ރަށެއްގައި ހިންގާ ގެސްޓު ހައުސްތަކެކެވެ. ގެސްޓު ހައުސްތައް ހުޅުވާލާފައިވަނީ އޮގަސްޓު މަހުގެ 15 ވަނަ ދުވަހުއެވެ. ގެސްޓު ހައުސްތައް ހުޅުވާލާފައިވަނީ އެކަމަށްޓަކައި ހާއްސަކުރެވިފައިވާ ގައިޑްލައިންއަކާ އެކުއެވެ.

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނަމުންދަނީ މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް ބެލެވެނީ 800،000 އެއްހާ ފަރުވެރިން ކަމަށެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ރިޒްނާ ޒަރީރު
0%
0%
0%
0%
0%
0%
ކޮމެންޓް