ފުލުހުން ތަހުޤީޤްކުރާ ބޮޑެތި ގިނަ މައްސަލަތަކެއް އަދިވެސް ނުނިމި ހުރިކަމަށާއި، ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލައިގެ ހަޤީޤަތާއި ހަމައަށް ދިއުމަށް ސަރުކާރު އޮތީ ނުކުޅެދުމުގެ ތެރޭގައިކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ދިވެހި ސިފައިންގެ ޚިިދުމަތަށް 125 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވަނީ ލިޔުންތެރިޔާ ޔާމީން ރަޝީދު ރަހުމު ކުޑަގޮތަކަށް މަރާލަފައިވާތީ ކަންބޮޑުވެ، ހިތާމަކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި އެ ރަހުމު ކުޑަ، ލާއިންސާނީ އަމަލު ހިންގި މީހުން ޝަރީއަތުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހުނު ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
އެ މޭރުމުން ވާހަކަ ކުރިއަށްގެންދަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ބޮޑެތި ގިނަ މައްސަލަތަކުގެ ތަހުޤީޤް ނިންމާލެވިފައިނުވާކަމަށް އެމަނިކުފާނުވެސް އިއްތިފާޤުވެވަޑައިގަންނަވާކަމަށެވެ. އަދި އެއީ ހަމައެކަނި ދިވެހިރާއްޖޭގައި ވާ ކަމެއް ނޫންކަމަށާއި، ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ބޮޑެތި މައްސަލަ ތަހުޤީޤް އެއްކޮށް ފުރިހަމަ ނުކުރެވި އެބަހުރި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލަވެސް އަދިވެސް ތަހުޤީޤްކޮށް ނިންމިފައިނުވާކަމަށެވެ.
"އޭގެފަހުން އަޅުގަނޑުމެންނަށް ފެނިގެންމިދިޔައީ، ހަމަ މިގޮތަށް، މިހާ ހިތްދަތިކޮށް ރިލްވާން ވީނުވީއެއް ނޭނގި ގެއްލުނުތަން. ދައުލަތުން އެތަކެއް މަސައްކަތެއް އެބަ ކުރާ، ފުލުހުންގެ ތަހުޤީޤީ އެކި ޔުނިޓްތަކުން އެކި މަސައްކަތް އެބަކުރޭ. އެހެންނަމަވެސް އެކަމުގައި ހަޤީޤަތާއި ހަމައަށް ވާސިލްވުމުގައި އަދިވެސް އަޅުގަނޑުމެން މިތިބީ ނުކުޅެދުމުގެ ތެރޭގައި" ރައީސް އަބްދުﷲ ޔާމީން ވިދާޅުވިއެވެ.
ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ރިލްވާން "ގެއްލުނު" ފަހުން ރިޔާސީ ލޯންޗުގައި އެއްޗެއް ގޮއްވާލާފައިވެސް ވާކަމަށެވެ. އަދި އަބަދުވެސް ވިޔާނުދާ މީހުން ކަންތައްތައް ރާވާނެކަމަށް ރައީސް އަބްދުﷲ ޔަމީން ވިދާޅުވިއެވެ.