ގދ. ފިޔޯރީގައި ހުކުރު ދުވަހު ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފިޔޯރީ އިން ކަރންޓު ގެ ހިދުމަތް މެދުކެނޑިފައިވާތާ 36 ގަޑިއިރު ފަހުން ފެނަކައިން އެރަަށަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީފިއެވެ.
ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އާދިއްތަ ދުވަހުގެ މެންދުރު ފަހު ފެނަކައިގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ ފިޔޯރީއަށް ކަރަންޓުގެ ހިދުމަތް ދެވުނީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަަށެވެ. އަދި ފިޔޮރީއށް މިހާރު ފޯރުކޮށްދީފައިވަނީ ވަގުތީ ކަރަންޓް ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ފެނަކައިން ރަށްރަށުގައި ދެމުންގެންދާ ކަރަންޓުގެ އަގަށް ވެސް ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން ޑީސަލް އަށް ގެނައި ބަދަލާއި އެއްކޮށް ޔުނިޓަކުން 3 ލާރި ކުޑަކުރުމަށް ނިންމާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް ތެލުގެ އަގަށް އަންނަ ބަދަލާ އެއްކޮށް ކަރަންޓުގެ އަގަށް ވެސް ބަދަލު ގެންނާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ފިޔޯރީއަށް ދާއިމީ ކަރަންޓު ދިނުމަށް ކުރަމުން ގެންދާ މަސައްކަތް ތަކާ ގުޅޭގޮތުން ރާއްޖެއެމްވީ އިން ސުވާލުކުރުމުން ޝަރީފް ވިދާޅުވީ މިހާރު ފިޔޯރީއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެމުން ގެންދަނީ 180 ކިލޯ ގެ ޖަނަރޭޓަރަކުން ކަމަށެވެ. އަދި އެ ޖަނަރޭޓަރަކީ ގއ. ދެއްވަދޫ އިން ގެނައި ޖަނަރޭޓަރެއް ކަމަށް ޝަރީފް ވިދާޅުވިއެވެ. ހަމައެހެންމެ ބެކަޕް ޖަނަރޭޓަރެއް ފިޔޯރީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށާއި ހޯމަދުވަހުގެ ވަގުތެއްގައި އެ ޖަނަރޭޓަރު ފިޔޯރީއަށް ގެންދެވޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ފިޔޮރީއަށް ދާއިމީ ކަރަންޓް ދިނުމަށްޓަކައި ފިޔޮރީގައި ހަދާފައިވާ އާ އިންޖީނުގޭގެ އިމާރާތައް ގެންނަންޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް ފެނަކައިން ކުރަމުންގެންދާ ކަމަށެވެ. އަދި އެ މަސައްކަތް 20 ދުވަހުގެ ތެރޭގައި ނިންމާލެވި އާ އިމާރާތް ބޭނުންކޮށްގެން ފިޔޯރީއަށް ދާއިމީ ކަރަންޓު ދެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ފިޔޯރީގައި އާ އިންޖީނުގެއެއް ގާއިމްކުރުމަށްޓަކައި ހަދާފައިވާ އާ އިމާރާތް ބޭނުން ނުކޮށް ގިނަ އަހަރުތަކެއްވި ސަބަބާ ގުޅޭ ގޮތުން ރާއްޖެއެމްވީ އިން ސުވާލުކުރުމުން ޝަރީފް ވިދާޅުވީ އެ އިމާރާތަކީ އެންމެ ފުރިހަމައަށް ނިމިފައިވާ އިމާރާތެއް ނޫން ކަމަށާއި އަދި އެއިމާރާތަކީ އިންޖީނުގެއެއް ގާއިމް ކުރުމަށްޓަކައި ފެނަކައިން ކަނޑައަޅާފައިވާ ސްޓޭންޑަޑްތަކަށް ފެތޭ އިމާރާތެއް ނޫން ކަމަށެވެ. އެހެންކަމުން އެ އިމާރާތް ބޭނުންކުރެ ވޭނީ އިމާރާތަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން ކަމަށް ޝަރީފް ފާހަގަކުރެއްވިއެެވެ.
މީގެ އިތުރުން ފިޔޯރީގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވީ ނާޒިދު އަބުދުﷲ ގެ އާއިލާއަށް އިނާޔަތެއް ދިނުމަށް ބޯޑުން ނިންމާފައިވާ ކަމަށާއި އަދި އެ އިނާޔާތް ނާޒިދުގެ އާއިލާ އަށް ވަރަށް އަވަހަށް ހަވާލުކުރާނެކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި ފެނަކައިން ހިންގާ އިންޖީނުގެ ތަކުގައި މިފަދަ އަލިފާނުގެ ހާދިސާތައް މަދުކުރުމަށްޓަކައި ފަޔަރ އެލާމް ސިސްޓަމާއި އަދި އިންޖީނުގެ މޮނީޓަރ ކުރެވޭނެ އިތުރު ނިޒާމްތައް ގާއިމް ކުރުމުގެ މަސައްކަތްތައް ކުރިއަށް އޮތްދުވަސްތަކުގައި ފަށާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.