މަޝްހޫރު ބްލޮގަރ ޔާމީނު ރަޝީދުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބުނެފި އެވެ.
ޔާމީނު ރަޝީދުގެ މައްސަލައާ ގުޅިގެން ފުލުހުން ނެރުނު ބަޔާނުގައި ބުނެފައި ވާނީ އޭޕްރީލް 23 ވަނަ ދުވަހުގެ ވަގުތެއްގައި މާލޭ ގެއެއްގެ ސިޑިގޮޅި ކައިރީގައި ޒަހަމްތަކަކާ އެކު އޮއްވާ ފެނުނު ޔާމީނުގެ މަރުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ.
ސ. ފޭދޫ، ޗަނބޭލީގެ ޔާމީނު ރަޝީދު މަރާލި މައްސަލަ ތަހުގީގު ކުރުމަށް ޚާއްސަ ޓީމެއް ނަގާފައވާ ކަމަށާއި އެޓީމުގެ ބެލުމުގެ ދަށުން ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުނެ އެވެ. އަދި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންނަށް ލިބިފައިވާ އެންމެހާ ވަސީލަތްތަކެއް އެންމެ މަތީ ދަރަޖައަށް ބޭނުން ކުރާނެ ކަމަށް ފުލުހުން ބުނެ އެވެ.
މިފަދަ މައްސަލަތައް ތަހުގީގު ކުރުމުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ފުލުހުން ބުނެ އެވެ.
ރޭގެ ދަންވަރުގެ ވަގުތެއްގައި މަޝްހޫރު ބްލޮގަރ ޔާމީނު ރަޝީދު މަރާލާފައިވާ އިރު އޭނާއަށް މީގެ ކުރިން އެތަށް ފަހަރެއްގެ މަތިން މަރުގެ އިންޒާރު އައިސްފައިވާ ކަމަށް އޭނާގެ ގާތް އެކުވެރިން ބުނެ އެވެ. އުމުރުން 29 އަހަރުގެ ޔާމީނު މަރާލާފައިވަނީ ހަށިގަނޑުގެ ގިނަ ތަންތަނަށް ވަޅިން ހަމަލާދީގެންނެވެ. އެގޮތުން އޭނާގެ މެއިގެ 14 ތަނަކަށް ވަޅިން ހަމަލާދީފައިވާ ކަމަށް ޔާމީނުގެ ބައްޕަ ވަނީ ރާއްޖެ އެމްވީއަށް މައުލޫމާތުދީފަ އެވެ.