ހަށިގަނޑުގެ ގިނަ އަދަދެއްގެ ތަނަށް ވަޅިން ހަމަލާދީ މަރާލާފައިވާ ބްލޮގާ އަދި ސޯޝަލް މީޑިއާ އެކްޓިވިސްޓް ޔާމީނު ރަޝީދުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ހަދަން ބޭނުން ނުވާ ކަމަށް އާއިލާގެ ފަރާތުން ބުނެފި އެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން، ޔާމީނު ރަޝީދުގެ ބައްޕަ، ހުސައިން ރަޝީދު ބުނީ ޔާމީނުގެ މޫނު އައިލާގެ މީހުންގެ ތެރެއިން ދައްކާފައިވާ ކަމަށާއި، އޭނާގެ މޭގެ 14 ތަނަކަށް ވަޅިން ހަމަލާދީފައިވާ ކަމަށެވެ. އަދި ކަރަށާއި ބޮލަށްވެސް ވަޅި ހަރަފައިވާ ކަމަށް ހުސައިން ރަޝީދު ބުންޏެވެ. ހަށިގަނޑުގެ ޕޯސްޓްމޯޓަމެއް ހަދަން ބޭނުންނުވާ ކަމަށާއި ޕޯސްޓްމޯޓަމް ހަދަން ބޭނުންނުވަނީ އެހާ ގިނަ ތަންތަނަށް ވަޅިން ހަމަލާދީފައިވާތީ، އެއީ މަރުގެ ސަބަބު އެނގޭތީ ކަމަށް ޔާމީނުގެ ބައްޕަ ހުސައިން ރަޝީދު ބުނެ އެވެ.
ފުލުހުން ވަނީ ޔާމީނު ރަޝީދުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަން ބޭނުން ނުވާކަމަށް އައިލާއިން ރަސްމީކޮށް އަންގާފައިވާ ކަމަށާއި ފުލުހުންގެ ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ނެގުމަށްފަހު އޭނާގެ އާއިލާއާއި ހަށިގަނޑު ހަވާލުކޮށްފައިވާ ކަން ހާމަކޮށްފަ އެވެ.
މިކަމާ ގުޅޭ ގޮތުން އައިޖީއެމްޗުން ބުނީ ޔާމީނު ރަޝީދުގެ މެޔާއި ބޮލާއި ކަރާއި މޫނުގެ އެކި ތަންތަނަށް ވަޅިން ހަމަލާދީފައިވާ ކަމަށެވެ. އެހެން ނަމަވެސް ހަމަލާދީފައިވަނީ ކިތައް ތަނަށް ކަމެއް އައިޖީއެމްއެޗުން ހާމަކޮށްފައެއް ނުވެ އެވެ.
ޔާމީނު ރަޝީދާއި އެންމެ ފަހުން ވާހަކަދައްކާފައިވާ އޭނާގެ އޮފީސް މުވައްޒަފަކު ބުނީ ރޭގެ ގާތްގަނޑަކަށް 02:00 ޖަހާ ކަންހާއިރު ޔާމީނަށް ގުޅީ އޮފީހަށް ދިއުމަށް ކަމަށާއި އެހެން ނަމަވެސް އޭނާ ގެޔަށް އިރުކޮޅަކުން ދާން އުޅޭ ވާހަކަ ބުނި ކަމަށެވެ. އާއްމުގޮތެއްގައި އޭނާ ގެޔަށް ގޮސް އުޅެނީ އޮފީސް މުއައްޒަފުންނާއެކު ނުވަތަ ޓެކްސީގައި ކަމަށް އޭނާގެ ގާތް ރައްޓެހިން ބުނެ އެވެ. އެހެން ނަމަވެސް ރޭ އޭނާ ގެޔަށް ދިޔަކީ ހިނގާފައިވާ ކަމަށް އޭނާގެ ގާތްރައްޓެހިން ބުނެ އެވެ.
ޔާމީނުގެ ހަށިގަނޑުގެ ފޮރިންސިކަށް ބޭނުންވާ ތަހުލީލުތައް ކޮށްފައިވާ ިއިރު އޭނާގެ ހަށިގަނޑުގެ އެކްސްރޭވެސް ވަނީ ނަގާފަ އެވެ.
" ދަ ޑެއިލީ ޕެނިކް" ގެ ނަމުގައި ޔާމީނު ރަޝީދު ބްލޮގެއް ހިންގާ އިރު އޭނާ އަކީ ސޯޝަލް މީޑިޔާގައިވެސް ވަރަށް އެކްޓިވްކޮށް އުޅޭ ފަރާތެއް ކަން ފާހަގަކޮށްލެވެ އެވެ.
ޔާމީނު މަރާލި މައްސަލައާއި ގުޅިގެން އޭނާގެ ރައްޓެހިން ބުނީ އޭނާއަށް ގިނަ އަދަދެއްގެ މަރުގެ އިންޒާރު ދެމުންދާ ކަމަށާއި މިއަހަރުގެ ޖެނެއަރީ މަހުގެ ތެރޭގައި ވެސް އިންޒާރުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މަރުވި އިރު ފުލުހުންނަށް އިންޒާރުގެ އިތުރު މައްސަލައެއް ހުށަހެޅުމަށްޓަކާއި ރިޕޯޓެއް ތައްޔާރު ކުރަމުންދިޔަ ކަމަށް ޔާމީނުގެ ގާތް އެކުވެރިއަކު ވަނީ ހާމަކޮށްފަ އެވެ.