Advertisement
ކ. މާލެ
|
23 އޭޕްރިލް 2017 | އާދީއްތަ 16:34
އައްޝައިޚް އިމްރާން އަބްދުﷲ
އައްޝައިޚް އިމްރާން އަބްދުﷲ
ރާއްޖެއެމްވީ
ހައި ކޯޓް
އިމްރާންގެ 12 އަހަރުގެ ހުކުމަށް ހައި ކޯޓުން ތާއިދުކޮށްފި
އިމްރާނަށް ހުކުމްކުރީ މޭ 1، 2015 ވަނަ ދުވަހުގެ މުޒާހަރާގައި ދެއްކި ވާހަކަތަކާ ގުޅިގެން

އަދާލަތު ޕާޓީގެ ލީޑަރު ޝެއިޚް އިމްރާން އަބްދުﷲ ގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން މިއަދު ތާއިދުކޮށްފި އެވެ.

ޝެއިޚް އިމްރާންގެ މައްޗަށް ޓެރަރިޒަމުގެ ކުށުގައި 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ، 2015 ވަނަ އަހަރުގެ މެއި 1 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ އެވެ.

އިމްރާނުގެ މައްޗަށް މިދިޔަ އަހަރުގެ ފެބްރުއަރީ 16 ވަނަ ދުވަހު އިއްވި ހުކުމް ހަފްތާއެއް ތެރޭގައި ހައިކޯޓުގައި އިސްތިއުނާފުކުރި އެވެ. އިސްތިއުނާފު އަޑުއެހުންތައް ހައި ކޯޓުގައި ފަށާފައި ވަނީ މާޗް މަހުގެ 24 ވަނަ ދުވަހު އެވެ.

އިމްރާނުގެ އިސްތިއުނާފު އަޑުއެހުންތައް މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އޮތީ ނިންމާލާފަ އެވެ. އަޑުއެހުންތައް ނިންމާލުމަށްފަހު މައްސަލައިގެ ހުކުމް ނުކޮށް، އިސްތިއުނާފު ދިގުދެމިގެންދާތާ 10 މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.

އިސްތިއުނާފު މައްސަލަ ނުނިމި ދިގުދެމިގެންދާއިރު، މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗަށް ވެސް ވަނީ ބަދަލުތަކެއް އައިސްފަ އެވެ. އެގޮތުން ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޝުޖާއު އުސްމާން ހައިކޯޓުގެ ދެކުނު ގޮތްޕަށް ވަނީ ބަދަލުކޮށްފަ އެވެ. އެ މައްސަލައިގެ ރިޔާސަތު މިހާރު ބަލަހައްޓަވަނީ ހައިކޯޓުގެ އިސްފަނޑިޔާރު އަބްދުﷲ ދީދީ އެވެ.

އިމްރާންގެ މައްޗަށް ދަށު ކޯޓުން ހިންގި ޝަރީއަތުގައި އިޖުރާއަތުތައް ފުރިހަމަކޮށްފައިނުވާ ކަމާއި، ގާނޫނު އަސާސީއާއި ގާނޫނުތަކުގެ އިތުރުން ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހަދާތަކުން ކަށަވަރުކޮށްދޭ ހައްގުތައް ކަށަވަރުކޮށްދީފައިނުވާ ކަމަށް ބުނެ، 12 އަހަރުގެ ޖަލު ހުކުމް އިއްވި މައްސަލަ އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ވަނީ ހުށަހަޅާފަ އެވެ.

އިމްރާންގެ މައްސަލައިގައި އދ. ގެ ވޯކިން ގްރޫޕުން މިހާތަނަށް އަދި ނިންމުމެއް ނިންމާފައިނުވާއިރު، ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމް އިއްވި މައްސަލައާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމް އިއްވި މައްސަލައިގައި ވޯކިން ގްރޫޕުން ވަނީ އެ ދެ ބޭފުޅުން މިނިވަންކުރުމަށާއި ޖަލުގައި ބަންދުކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ގޮވާލާފަ އެވެ. ނަމަވެސް، ސަރުކާރުން ވަނީ އދ. ގެ ނިންމުން ބަލައިނުގަންނަ ކަމަށާއި އެ ގޮވާލުމާ އެއްގޮތަށް އަމަލުކުރުން ލާޒިމް ނޫން ކަމަށް ބުނެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް