ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ސަރުކާރުގެ ދެ ވަޒީރެއްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އަންނަ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވައްދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު ހުސައިން އަރީފް ވިދާޅުވެއްޖެއެވެ.
އެމްޑީއޭގެ މެންބަރުކަމުގައި ހުންނަވައިގެން ގުޅިފައިވާ ޕާޓީތަކުގެ ހަރަކާތައް ތާއީދު ކުރައްވަމުން ގެންދަވާ މެންބަރު އަރީފް މިހެން ވިދާޅުވީ ހޮނިހިރު ދުވަހުގެރޭ ކުރެއްވި ޓްވީޓެއްގައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ފުރަތަމަ ވެއްދުމުގައިވެސް އިސްކޮށް ހުންނެވި އަރީފްގެ ޓްވީޓްގައި ވިދާޅުވެފައިވަނީ "ހޯމަ ދުވަހު މެންދުރު 2 ގެ ކުރިން 42 މެންބަރުންގެ ސޮޔަށްވުރެ އިތުރަށް ސޮއި އަޅައި 2 ވަޒީރަކާއި މަޖިލިސް ރައީސްގެ އިތުބާރު ނެތްކަމަށް ވައްދާނަން" ކަމަށެވެ.
Hoama dhuvahu mendhuru 2 ge kureen 42 memberuge soiyah vure ithurah soialhaa 2 vazeerakaai Majilis raess ge ithubaaru neiy kamah vahdhaanan
— Hussain Areef (@husainaryf) April 22, 2017
އަރީފް މިހެން ވިދާޅުވެފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދާފައި ވަނިކޮށް ރައީސް އަބްދުﷲ ޔާމީންގެ ޕީޕީއެމް ފެކްޝަނަށް ތާއީދު ކުރައްވާ މެންބަރުން މަޖިލީހުގެ ޤަވާއިދު އިސްލާހުކޮށް 42 މެންބަރުންގެ ސޮޔާއެކު ނޫން ގޮތަކަށް މަޖިލީހުގެ ރައީސާ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަނޭޅޭނެކަމަށް ކަނޑައަޅާފައި ވަނިކޮށެވެ.
އަރީފް މިހެން ވިދާޅުވެފައި މިވަނީ ޤަވާއިދަށް ގެނައި އިސްލާހާއެއްގޮތަށް މައްސަލަ ހުށަހެޅުމަށްޓަކައި ބޭނުންވާ 42 މެންބަރުންގެ ސޮއި ހަމަކޮށްފައިވާކަމަށް އިދިކޮޅު ޕާޓީތަކުގެ މެމްބަރުން ވިދާޅުވުމާއެކު، ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް ހައްޔަރުކޮށްފައި ވަނިކޮށެވެ.
ގުޅިފައިވާ ޕާޓީތަކުން ބާއްވާ ޖަލްސާތަކުގައި އެޕާޓީތަކުގެ އިސްވެރިން ވިދާޅުވަމުން ގެންދަވަނީ "އަދަދު ހަމަވެއްޖެ" ކަމަށެވެ. އަދި 42 މެންބަރުންނަށްވުރެ އިތުރަށްވެސް މެންބަރުން ވަޑައިގެންފައިވާކަމަށް އެބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.