ހަނޑޫ ކިލޯއަކުން އެއް ރުފިޔާވެސް އަގު ހެޔޮ ނުވާއިރު ސަރުކާރުން ކާޑުގެ އަގު ހެޔޮ ކުރިކަމަކަށް ނުކިޔޭނެ ކަމަށް ރައީސް މައުމޫނު އަބްދުލް ގައްޔޫމްގެ ޕީޕީއެމް ފެކްޝަނުގެ އައިމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.
ސަރުކަރުން ކާޑުގެ އަގު ހެޔޮވި ކަމަށް ބުނެފައިވަނިކޮށް ނާދިރާ މިހެން ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
ނާދިރާ ވިދާޅުވީ ސަރުކާރުގެ ހެޔޮފުޅުކަމުން ކާޑުގެ އަގު ހެޔޮކޮށްފައިވާކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލުމަށް ވާހަކަ ދައްކަމުން ގެންދާއިރު ހަނޑޫ ކިލޯއަކުން ރުފިޔާއެއްވެސް އަގު ހެޔޮވެފައި ނުވާ ކަމުގައެވެ. ނަމަވެސް މި ސަރުކާރުން ވަނީ ކާޑުގެ އަގު ސަތޭކަ ޕަސެންޓް ބޮޑުކޮށްފައި ކަމަށާއި ތެލުގެ އަގު ހަތަރު ގުނައަށް ބޮޑުކޮށްފައި ކަމަށެވެ. އެހެން ނަމަވެސް ކާޑުގެ އަގުން ފަނަރަ ޕަސެންޓް ކުޑަކޮށް ތެލުން ބާރަ ޕަސެންޓް ކުޑަކުރުމަކީ އަގުހެޔޮކުރުން ނޫންކަމަށާއި އެގޮތައް އެކަން ކޮށް ވާހަކަ ދައްކައިގެން މިއަދު ރައްޔިތުން "ގުނބޯ" ނުހެއްދޭނެ ކަމަށް ނާދިރާ ވިދާޅިވިއެވެ.
ނާދިރާ ވިދާޅުވީ އަގުހެޔޮކުރަން ޖެހޭނީ މިސަރުކާރުން އަގު ބޮޑު ކުރި މިންވަރަށް ކަމަށެވެ.
ހިތްވަރެއް ހުރިއްޔާ މިސަރުކާރުން ކާޑާއި ތެލުގެ އަގު ބޮޑުކުރި އިރު ހުރި މިންވަރަށް އެތަކެތީގެ އަގު ހެޔޮކުރުމަށް ނާދިރާ ގޮވާލެއްވިއެވެ.
ނާދިރާ ވިދާޅުވީ ދިވެހިން އަގުހެޔޮވުން ކިޔަނީ ބައި ރުފިޔާއެއް އަގުހެޔޮވުމުން ނޫން ކަމަށާއި އަގުހެޔޮވުމަށް ވާނީ ޖީބަށް ލުއިވުމުން ކަމަށެވެ.
.