ސީރިއާގައި ހަނގުރާމަ ކުރަމުން ދިޔަ އިތުރު ދިވެއްސަކު މަރުވެފައިވާ ކަމަށް ސީރިއާގައި މިހާރު ކުރަމުންދާ ހަނގުރާމަތަކާއި ބެހޭ ގޮތުން މައުލޫމާތު ގެނެސްދޭ ބިލާދު އަލް ޝާމްއިން ބުނެފިއެވެ.
ބިލާދު އަލް ޝާމްއިން ބުނެފައިވާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މަރުވެފައިވަނީ އަބޫ ޔޫނުސް އަލް މާލްދީފީ ނަމަކަށް ކިޔާ މީހެކެވެ. އޭނާ މަރުވެފައިވަނީ ސީރިއާގައި އުތުރުގައި އޮންނަ ހަމާގެ ތައްޔިބަތު އަލް އިމާމްގައި ދިން ހަމަލާތަކެއްގައެވެ.
ބިލާދު އަލް ޝާމްއިންވަނީ މަރުވި ކަމަށް ބުނާ ދިވެހި މީހާގެފޮޓޯވެސް އާއްމުކޮށްފައެވެ.
ބުރާސްފަތި ދުވަހުގެ ރޭ ހަމާގެ ތައްޔިބަތު އަލް އިމާމްގައި ދިވެއްސަކު މަރުވި ކަމަށް ބުނެފައިވާ އިރު އެރެއާއި އެ ދުވަހު އެ ސަރަހައްދުގައި ވަރުގަދައަށް ހަމަލާ ބަދަލުކޮށްފައިވެއެވެ. އެ ސަރަހައްދުގެ ކޮންޓްރޯލު ސީރިއާ ސިފައިން ނަގާފައިވަނީ މެދުކެނޑުމެއް ނެތި އަށް ގަޑި އިރުގެ ހަމަލާ ބަދަލު ކުރުންތަކަކަށްފަހުއެވެ. އެސަރަހައްދުގެ ކޮންޓްރޯލު ނެގުމަށް ވައިގެ މަގުން ވެސް ހަމަލާ ދީފައިވެއެވެ.
ސީރިއާގެ ހަބަރު ފަތުރާ ބައެއް ވަސީލަތްތަކުން ބުނެފައިވާ ގޮތުގައި އެސަރަހައްދުގައި އަސްކަރިއްޔާއާއި ކުރިމަތިލާފައިވަނީ ތަހުރީރު އަލް ޝާމްއެވެ. އެއީ ކުރީގެ ޖަބަހަތުއް ނުސްރާއެވެ. ޖަބަހަތުއް ނުސްރާއަކީ ސީރިއާގައި ތިބި ގިނަ ދިވެހިން ހަރަކާތްތެރިވާ ޖަމާއަތެއްކަމަށް ވެއެވެ.