މިހާރު އޮތް ރައީސް ޔާމީންގެ ސަރުކާރު ބަދަލުވާކަށް ދެން މާގިނަ ދުވަހެއް ނެތް ކަމަށް މި ސަރުކާރުގެ ފުރަތަމަ ޔޫތު މިނިސްޓަރ މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މޯލްޑިވިއަން ޔުނައިޓެޑް އޮޕޮޒިޝަން (އެމް.ޔޫ.އޯ)ގެ ހިޔަނި ކެބިނެޓްގައިވެސް އިންނަވާ މަލީހް މިގޮތައް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުން ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މ. ކުނޫޒްގައި ހޮނިހިރު ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މަލީހް ވިދާޅުވީ މިސަރުކާރަށް މިހާރު ވަނީ ގޮތް ހުސްވެފައި ކަމަށާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްވެސް އަދި އެމްޕީ މަހްލޫފްވެސް ގޮޅިއަށް ލާފައި އެވަނީ ސަރުކާރު ގޮތް ހުސްވެގެން ކަމަށެވެ. ނަމަވެސް އެގޮތަކަށް އެކަމެއް ނުކުރެއްވޭނެ ކަމަށާއި މިސަރުކާރަކަށް ދެން މާގިނަ ދުވަހެއް ނެތް ކަމަށް މަލީހް ވިދާޅުވިއެވެ.
މަލީހް ވިދާޅުވީ މިސަރުކާރު ނިމިގެންދިއުމުން ކޮރަޕްޝަން އެކުލެވޭގޮތައް ކޮށްފައިހުރި ކަންކަން ބަލާނެ ކަމަށާއި ބްރިޖާއި އައިޖީއެމްއެޗްފަދަ ތަންތަނަށް ދާނެ ޚަރަދު ބަލާ އެއަށްވުރެ ބޮޑު އެއްޗެއް ހޭދަކޮށްފައިވާނަމަ ގޯތި ވިއްކައިގެންވެސް އެފައިސާ ހޯދާނަން ކަމަށެވެ.
"އަޅުގަނޑުމެން ބޭރު މީހުން ގެނެސްގެންވެސް ބްރިޖް އަށްދާ އަގު ބަލާނަން. އޭގެ ގެއްލުން ބަލާފައި އެފައިސާ ގޯތި ވިއްކައިގެންވެސް ހޯދާނަން. އެކަން އަންނަން އޮތް ޖީލުގެ ހައްޤުގައިވެސް ކުރާނަން. ހައްޤުގެ ކުރިމައްޗަށް ގެންނާނަން. އެއްވެސް ފަނޑިޔާރަކު، ފުލަހަކު އެއްވެސް ވަޒީރަކު ހީކޮށްގެން ނުވާނެ ޤާނޫނު އަރާ ހަމަ ނުކުރާނެކަމަކަށް" މަލީހް ވިދާޅުވިއެވެ.
މަލީހު ވިދާޅުވީ ފާއިތުވީ ތިން އަހަރު މިސަރުކާރު ވަނީ ބަންދު ބޯޑު އަޅުވާފައި ކަމަށާއި ވަޒީރުންގެ މަޖިލީހުގެ ލަފާ ހޯދައިގެން ނޫނީ ވެރިކަން ހިންގުމުގެ ބާރެއް ނޯންނާނެ ކަމަށެވެ. ނަމަވެސް މިސަރުކާރުން ކެބިނެޓް ބައްދަލުވުމެއް ބޭއްވި ދުވަހެއް ހަނދާނެއްވެސް ނެތްކަމަށް މަލީހު ވިދާޅުވިއެވެ.
މަލީހް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަކު ބަދަލު ކުރަން ޖެހޭ ކަމަށް ޤާނޫން އަސާސީގެ 100 ވަނަ މާއްދާގައި ބުނާ ތިންކަންތައްވެސް ރައީސް ޔާމީންގެ ވަނީ ފުރިހަމަވެފައި ކަމަށެވެ. އެހެން ވީމާ މިވެރިކަން ބަދަލު ކުރުން ވާޖިބްވެއްޖެ ކަމަށާއި 42 ހަމަކޮށްގެންވެސް އެކަން ކުރަންވީކަމަށެވެ.
މަލީހް ޖަމާލް ވިދާޅުވީ ވެރިކަން ދޫކޮށްފައި ދާއިރު ރާއްޖެ ބަންގުރޫޓްވާކަށް ނޭދޭ ކަމަށާއި މިހާރު ވަނީ ބަނގުރޫޓްވެފައިކަން އެނގެނީ ލޯނުނަގައިގެންނާ ޓީބިލް ވިއްކައިގެން ނޫން ގޮތަކަށް މިހާރު މުސާރަ ނުދެވޭތީ ކަމަށެވެ.