Advertisement
ކ. މާލެ
|
22 އޭޕްރިލް 2017 | ހޮނިހިރު 17:39
ޝަރީއަތުގެ ފުރަތަމަ އަޑުއެހުމަށް ފަހު ކޯޓް ބޭރުގައި ގާސިމް ސަޕޯޓަރުންނާ އެކު
ޝަރީއަތުގެ ފުރަތަމަ އަޑުއެހުމަށް ފަހު ކޯޓް ބޭރުގައި ގާސިމް ސަޕޯޓަރުންނާ އެކު
މުހައްމަދު ޝަރުހާން
ގާސިމްގެ ޝަރީއަތް
ގާސިމްގެ ޝަރީއަތް: ދައުވާތަކަށް ޖަވާބުދާރީވުން އާދިއްތަ ދުވަހު!
ފުރަތަމަ އަޑުއެހުމުގައި ޝަރީއަތް ނިމެންދެން ގާސިމް ބަންދުކުރަން ޕީޖީން އެދުނު
ތިން ދައުވާއަށް ވެސް ގާސިމް ވަނީ އިންކާރު ކުރައްވާފަ
ގާސިމް ހައްޔަރުކޮށް، ބަންދަށް ވަނީ 15 ދުވަސް ޖަހާފަ

ދޫނިދޫގައި ބަންދުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ހިންގާ ޝަރީއަތުގައި ދައުވާތަކަށް ޖަވާބުދާރީވުމަށް އާދިއްތަ ދުވަހަށް އަޑުއެހުމެއް ތާވަލުކޮށްފި އެވެ.

 

ގާސިމްގެ މައްޗަށް ކޮށްފައިވަނީ ރިޝްވަތުދޭން އުޅުނު ކަމުގެ ދައުވާ އާއި، ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާގެ އިތުރުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ކުށުގެ ދައުވާ އެވެ.

 

ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާގެ ސީޣާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް މާޗް މަހުގެ 27 ވަނަ ދުވަހު ވޯޓް ނެގުމަށް އެޖެންޑާކޮށްފައިވަނިކޮށް، މާޗް މަހުގެ 26 ވަނަ ދުވަހުގެ ރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި މަޖިލީހުގެ އެހެން ދާއިރާތައް ތަމްސީލުކުރައްވާ މެންބަރުން މަސީހު ބޭރުކުރުމަށް ވޯޓް ދެއްވައިފި ނަމަ އެ މެންބަރަކު ހިމެނިވަޑައިގަންނަވާ ދާއިރާއެއްގެ ޓިކެޓް ދޭނެ ކަމަށާއި، އެހެން ހުރިހާ ގޮތަކުން ވެސް އެހީތެރިވެދެއްވާނެ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

 

ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާގެ ސީޣާގައި ވެސް ބަޔާންކޮށްފައި ވަނީ، ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާގެ ސީޣާގައި ބަޔާންކޮށްފައިވާ އިބާރާތެވެ. ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާގެ ސީޣާގައި ބުނެފައިވަނީ ވެސް، އެ ޖަލްސާގައި ވާހަކަ ދައްކަވަމުން، މަސީހު ބޭރުކުރުމަށް ވޯޓް ދެއްވާ މެންބަރުންނަށް ޓިކެޓް ދެއްވާނެ ކަމަށާއި ހުރިހާ ގޮތަކުން އެހީތެރިވެ ދެއްވާނެ ކަމަށް ވިދާޅުވެ، ނުފޫޒު ފޯރުވަން ގާސިމް މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.

 

އެ ދައުވާތަކުގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބާއްވާފައި ވަނީ މިމަހުގެ 13 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި ގާސިމް ވަނީ ތިން ދައުވާއަށް ވެސް އިންކާރު ކުރައްވާފަ އެވެ. އެހެންކަމުން އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށް ތާވަލުކޮށްފައިވާ އަޑުއެހުމުގައި އޮންނާނީ ދައުވާތަކަށް ޖަވާބުދާރީވުމެވެ.

 

ގާސިމްގެ މައްޗަށް ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތު ދޭން އުޅުނު ކަމުގެ ދައުވާ ކޮށްފައިވާއިރު، އެ ކުށް ސާބިތުވެއްޖެ ނަމަ ކަނޑައެޅޭނެ އެންމެ ބޮޑު އަދަބަކީ އަށް އަހަރަށް ޖަލަށް ލުމެވެ.

 

ގާނޫނުލް އުގޫބާތުގެ 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާއާއި ގާނޫނުލް އުގޫބާތު 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ކުށުގެ ދައުވާ ގާސިމްގެ މައްޗަށް ކޮށްފައިވާއިރު، މި ދެ ދައުވާ ސާބިތުވެއްޖެނަމަ ކަނޑައެޅޭނެ އެންމެ ބޮޑު އަދަބަކީ ހަތަރު އަހަރަށް ޖަލަށް ލުމެވެ.

 

އެހެންކަމުން ގާސިމްގެ މައްޗަށް އުފުލާފައިވާ ތިން ދައުވާ ސާބިތުވެއްޖެނަމަ ކަނޑައެޅޭނެ އެންމެ ބޮޑު އަދަބަކީ 12 އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.

 

މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ޝަރީއަތް ނިމެންދެން ގާސިމް ބަންދުކޮށްދިނުމަށް ދައުލަތުން އެދުމުން މައްސަލަ ބައްލަވާ ގާޒީ ވަނީ، އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް ކަނޑައަޅުއްވާފަ އެވެ. 

 

އެހެންނަމަވެސް، ގާސިމް މިވަގުތު ހުންނެވީ ފުލުހުންގެ ބަންދުގައި ދޫނިދޫގަ އެވެ. ބުރާސްފަތި ދުވަހުގެ ރޭ ގާސިމް ހައްޔަރުކުރި އިރު، ކްރިމިނަލް ކޯޓުން ހުކުރު ދުވަހު ވަނީ ގާސިމް ބަންދަށް 15 ދުވަސް ޖަހާފަ އެވެ.

 

ގާސިމް ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ނައިބް ރައީސްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް މަޖިލީހަށް ހުށަހެޅޭނީ މަޖިލީހުގެ 42 މެމްބަރުންގެ ސޮޔާއެކުގައި ކަމަށް މަޖިލީހުން ފާސްކުރުމާއި ގުޅިގެން، މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް 42 މެމްބަރުންގެ ސޮއި ހޯދުމަށް މަޖިލީހުގެ އެކި މެމްބަރުންނަށް ގާސިމް ނުފޫޒު ފޯރުވަމުންގެންދާ ކަމަށް ބުނެ އެވެ. އަދި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރައްވާކަމުގެ ތުހުމަތު ވެސް ގާސިމްގެ މައްޗަށް ވަނީ ކޮށްފަ އެވެ.

 

މިމަހުގެ ހަވަނަ ދުވަހުވެސް ފުލުހުން ވަނީ ގާސިމް ހައްޔަރު ކޮށްފައެވެ. އެ ފަހަރު އެމަނިކުފާނު ހައްޔަރު ކުރީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒް ގާނޫނުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ ޚިލާފަށް ކަމަށް ކަނޑައަޅައި މިމަހުގެ 12 ވަނަ ދުވަހު ހައިކޯޓުން ވަނީ ގާސިމް ދޫކޮށްލުމަށް އަމުރުކޮށްފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް