Advertisement
ކ. މާލެ
|
22 އޭޕްރިލް 2017 | ހޮނިހިރު 17:17
ޝަރީއަތުގެ ފުރަތަމަ އަޑުއެހުމަށް ރިޔާޒު ކޯޓަށް ވަޑައިގެން، ރިޔާޒް ވަނީ ދައުވާއަށް އިންކާރު ކުރައްވާފަ
ޝަރީއަތުގެ ފުރަތަމަ އަޑުއެހުމަށް ރިޔާޒު ކޯޓަށް ވަޑައިގެން، ރިޔާޒް ވަނީ ދައުވާއަށް އިންކާރު ކުރައްވާފަ
ރާއްޖެއެމްވީ
ރިޔާޒްގެ ޝަރީއަތް
ރިޔާޒްގެ ޝަރީއަތް އިތުރަށް ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުން އާދިއްތަ ދުވަހު!
ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ދައުވާ
ފޯނުގެ ލޮކް ކޯޑް ދިނުމަށް އިންކާރުކޮށް މަސައްކަތަށް ހުރަސް އެޅުން
ލޮކް ކޯޑް މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ހިންގާ ޝަރީއަތް އިތުރަށް ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުމަށް އާދިއްތަ ދުވަހަށް އަޑުއެހުމެއް ތާވަލުކޮށްފި އެވެ.

 

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ރިޔާޒުގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ ރިޔާޒްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން މާޗް މަހުގެ 27 ވަނަ ދުވަހުގެ ރޭ 9:39 ހާއިރު ކޯޓު އަމުރެއްގެ ދަށުން ރިޔާޒްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފޯނުގައި ހުރި މައުލޫމާތުތައް ބެލުމަށް ފޯނުގެ ލޮކް ކޯޑް ދިނުމަށް އެދުމުން ލޮކް ކޯޑް ދިނުމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައި ވާތީ، ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ އުފުލާ ކަމަށެވެ.

 

އެ ދައުވާގެ ޝަރީއަތުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އަޑުއެހުމުގައި ރިޔާޒް ވަނީ އޭނާގެ ފޯނުގެ ލޮކް ކޯޑް ފުލުހުންނާ ހަވާލުކުރައްވާފަ އެވެ. އެ އަޑުއެހުމަށް ފަހު ރިޔާޒުގެ ގާނޫނީ ވަކީލު ހިސާން ހުސެއިން ވިދާޅުވީ، ތަހުގީގަށް ރިޔާޒު ބަޔާން ދެއްވައި، ލޮކް ކޯޑް ދެއްވުމަށް ހުށަހެޅުއްވިކަން ގާޒީ ފާހަގަކުރެއްވި ކަމަށެވެ. އަދި މައްސަލައަކީ ލޮކް ކޯޑާ ގުޅުން ހުރި މައްސަލައަކަށް ވާއިރު، ލޮކް ކޯޑް ދިނުމުގެ ފުރުސަތު އަދިވެސް އޮތްކަން ގާޒީ ފާހަގަކުރެއްވުމުން އެ ފުރުސަތުގެ ބޭނުން ހިފައިގެން ލޮކް ކޯޑް ފުލުހުންނަސް ދީފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ.

 

ބުރާސްފަތި ދުވަހުގެ ރޭ 8:00 އަށް ކުއްލި ގޮތަކަށް ތާވަލުކޮށްގެން ބޭއްވި އަޑުއެހުމުގައި ރިޔާޒުގެ ފޯނުގެ ލޮކް ކޯޑް ދިނުމުން، ޝަރީއަތް އިތުރަށް ކުރިއަށް ގެންދިއުމާ މެދު ދެން އޮންނަ އަޑުއެހުމުގައި ގޮތެއް ނިންމަވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވިދާޅުވި އެވެ.

 

އެހެންކަމުން އާދިއްތަ ދުވަހުގެ މެންދުރު 3:00 ގައި ބާއްވާ އަޑުއެހުމުގައި ރިޔާޒުގެ ޝަރީއަތް އިތުރަށް ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމާނެ އެވެ.

 

ރިޔާޒު ވިދާޅުވާ ގޮތުގައި އޭނާގެ މައްޗަށް ޝަރީއަތް ހިންގައި، ފުލުސް އޮފީހަށް ހާޒިރުކުރުވަނީ ސިޔާސީ މަގުސަދެއް ހާސިލްކުރުމަށެވެ. އޭނާ ވިދާޅުވީ ފުލުހަށް ހާޒިރުކުރުމާއި ކޯޓަށް ހާޒިރުކުރުމަކީ އިސްލާހީ މަސައްކަތް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތް ކަމަށެވެ. އަދި ފަހަތަށް ޖެއްސުމަށް ކުރަމުންދާ މަސައްކަތްތަކަށް ބެލުމެއް ނެތި އިސްލާހީ މަސައްކަތް އިދިކޮޅު ފަރާތްތަކުން ކާމިޔާބު ކުރާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

 

ރިޔާޒުގެ މައްޗަށް ހިންގާ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބޭއްވީ މިމަހުގެ 13 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި ދައުވާ އިއްވުމުން ރިޔާޒް ވަނީ ދައުވާ އަށް އިންކާރު ކުރައްވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް