ގދ. ފިޔޯރީ އިންޖީނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި މަރުވި އެރަށު ޗިޗަންޑާގެ އުމުރުން 26 އަހަރުގެ ނާޒިދު އަބްދުﷲ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގައި ވަޅުލައިފިއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ފެނަކަ ކޯޕްރޭޝަންގެ މެނޭޖިންގ ޑައިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ ނާޒިދު ވަޅުލާފައި ވަނީ ރޭ އިޝާނަމާދަށް ފަހު ކަމަށެވެ.
ޝަރީފް ވިދާޅުވީ ކުއްލި ގޮތަކަށް ނާޒިދުގެ އާއިލާ އަށް ކުރިމަތިވި މި ހިތާމަވެރި ހާދިސާއާ ގުޅިގެން ނާޒިދުގެ އާއިލާއަށް އިނާޔަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ޝަރީފް ވިދާޅުވީ އިނާޔަތެއް ދިނުމުގެ އިތުރުން އާއިލާއިން ބޭނުންވާ ކުއްޖަކަށް ނާޒިދުގެ ބަދަލުގައި ފެނެކައިން ވަޒީފާ ދިނުމަށް ނިންމާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ނާޒިދުގެ މަންމަ ނިޔާވެފައިވާއިރު އޭނާގެ އާއިލާގައި އޭނާއަކީ އެންމެ ހަގު ކުއްޖާއެވެ. ނާޒިދުގެ ބައްޕަގެ އޭނާގެ އިތުރުން ހަތް ކުދިން ތިބޭއިރު ނާޒިދު އަކީ ކައިވެންޏެއް ކޮށްގެން އުޅޭ ކުއްޖެއް ނޫނެވެ.