Advertisement
ކ. މާލެ
|
22 އޭޕްރިލް 2017 | ހޮނިހިރު 09:12
ރައީސް ނަޝީދު ރާއްޖެޓީވީއަށް ދެއްވި ބަސްދީގަތުމެއްގެ ތެރެއިން
ރައީސް ނަޝީދު ރާއްޖެޓީވީއަށް ދެއްވި ބަސްދީގަތުމެއްގެ ތެރެއިން
ރާއްޖެއެމްވީ
ރައީސް ނަޝީދު
ލާމަރުކަޒީ ނިޒާމަށް ބޮޑެތި ލޮޅުންވަނީ ގެނެސްފަ: ރައީސް ނަޝީދު
ނިޒާމް ހަރުދަނާ ކުރައްވާނެ ކަމަށް ވިދާޅުވި
މަޖްލީހުގެ އަޣްލަބިއްޔަތެއް ލިބޭނެ ކަމަށް އިޝާރާތްކުރެއްވި
ކައުންސިލްތަކަށް ފުރިހަމަ ބާރު ލިބޭނެ ކަމަށް ވިދާޅުވި

މިއަދު ލާމަރުކަޒީ ނިޒާމަށް މިސަރުކާރުން ވަނީ ވަރަށް ބޮޑެތި ލޮޅުންތަކެއް ގެނެސްފައި ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

 

ކައުންސިލް އިންތިޚާބުގައި ވިލިމާފަންނު ދާއިރާއަށް ވާދަކުރާ ހަމްނާ ވަހީދުގެ ކެމްޕެއިން ޖަލްސާއަށް ދެއްވި ވީޑިއޯ މެސެއްޖެގައި ނަޝީދު ވިދާޅުވެފައިވަނީ ލާމަރުކަޒީ ނިޒާމަށް ބޮޑެތި ލޮޅުންތަކެއް ގެނެސް، ކައުންސިލްތަކުގެ އެތަކެއް ބާރުތަކެއް ސަރުކާރުން އަތުލާފައިވާ ކަމަށެވެ.

 

ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި ކުރިމަތިލާފައި މިވަނީ ލާމަރުކަޒީ މުޅި ނިޒާމްވެސް ވަރަށް ބޮޑަށް ހީނަރުވެފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.

 

އެމްޑީޕިގެ މަޤްސަދާއި އަމާޒަކީ ލާމަރުކަޒީ ނިޒާމް އަލުން އޭގެ ހަރުދަނާ ކަމަށް ރުޖޫޢަ ކުރުން ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ޤާނޫނު އަސާސީގައި ލާމަރުކަޒީ ނިޒާމަށްދީފައިވާ އަހަމިއްޔަތުކަމާއި ބާރު އަލުން އަނބުރާ ހޯދަންޖެހޭ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

 

ނަޝީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންވެސް އިންތިޚާބު ކާމިޔާބު ކުރުމަށްފަހު އެންމެ ފުރަތަމަ ވެސް ކުރާނެ އެއް މަސައްކަތަކީ ކައުންސިލްތަކުގެ ބާރު އަލުން އަނބުރާ ހޯދުން ކަމަށެވެ.

 

އެބާރު ހޯދުމުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެހީތެރިކަން ލިބިގެންދާނެ ކަމާއިމެދު ޝައްކު ނުކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.


ނަޝީދު ވިދާޅުވީ ޚާއްސަކޮށް ރައްޔިތުންގެ މަޖްލީހުގެ އަޣްލަބިއްޔަތެއް ލިބި، އަޣްލަބިއްޔަތު މެދުވެރިކޮށް ކައުންސިލްތަކުގެ ބާރު އިތުރުކުރެވިގެންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް