Advertisement
ކ. މާލެ
|
22 އޭޕްރިލް 2017 | ހޮނިހިރު 06:52
މަޖްލީސް ރައީސްގެ ވޯޓާއި ގުޅިގެން ފާރިސް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މަޖްލީސް ރައީސްގެ ވޯޓާއި ގުޅިގެން ފާރިސް ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މުހައްމަދު ޝަރުހާން
ކުނޫޒް ޖަލްސާ
ސާޅީސް ދޭއް ވަރަށް ނުރައްކާތެރި އަދަދަކަށް ވެއްޖެ: ފާރިސް މައުމޫން
ރައީސަށް ނުސީދާ މެސެޖެއް ދެއްވި
ޤާސިމް މިނިވަންކުރައްވާނެ ކަމަށް ވިދާޅުވި
މިހާރު ކުރަންޖެހެނީ ކުޑަ ހިތްވަރެއް ކަމަށް ވިދާޅުވި

ސާޅީސް ދޭކަކީ ވަރަށް ނުރައްކާތެރި އަދަދަކަށް ވެއްޖެ ކަމަށް ވިދާޅުވެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން އޭނާގެ ބޮޑުބޭބޭފުޅު ރައީސް އަބްދުﷲ ޔާމީނަށް ބަހުގެ ޙަމަލާތަކެއް ދެއްވައިފިއެވެ.

 

ސާޅީސް ދޭކަކީ ނުރައްކަލަކަށް ވެއްޖެ ކަމަށް ފާރިސް ވިދާޅުވި އިރު، އެއަދަދަކީ ރައްޔިތުންގެ މަޖްލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ ވޯޓް ހުށަހެޅުމަށް ބޭނުންވާ މެމްބަރުންގެ އަދަދެވެ. 

 

ހުކުރު ދުވަހުގެ ރޭ މާފަންނު ކުނޫޒްގައި އޮތް އިދިކޮޅު އިއްތިހާދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފާރިސް ވިދާޅުވި ގޮތުގައި "ސާޅީސް ދޭއް ވަރަށް ނުރައްކާތެރި އަދަދަކަށް ވެއްޖެ" އެވެ.

 

ފާރިސް ވިދާޅުވީ އަދަދު ހަމަވާ ވަރަކަށް ނުވަތަ އެއަށްވުރެ ގިނަ މެންބަރުންވާ ނަމަ އެކަމާއި ގުޅިގެން ހައްޔަރުކުރާ މެންބަރުންވެސް ގިނަވާނެ ކަމަށެވެ.

 

މިހާރު ހާލަތު އޮތް ގޮތުން ފާރިސް ވިދާޅުވަނީ ހައެއްކަ މެމްބަރުން ހައްޔަރުކުރާނެ ކަމަށެވެ. ނަމަވެސް އިސްލާހަށްޓަކައި އިދިކޮޅު ފަރާތްތަކުން ކުރަމުންދާ މަސައްކަތް ނުހުއްޓުވޭނެ ކަމަށް ފާރިސް ވިދާޅުވިއެވެ.

 

ފާރިސް ވިދާޅުވި ގޮތުގައި މި މަސައްކަތުގައި ބައިވެރިވާ ފަރާތްތައް މަދެއް ވެސް ނުވާނެއެވެ. އަދި މަގުސަދު ހާސިލްވާން ވަރަށް ކައިރި ވެއްޖެ ކަމަށާއި މިހާރު އިތުރަށް ކުރަންޖެހެނީ ކުޑަ ހިތްވަރެއް ކަމަށް ފާރިސް ވިދާޅުވިއެވެ.

 

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ހައްޔަރު ކުރުމަށް އިޝާރާތް ކުރައްވާ ފާރިސް ވިދާޅުވީ "އަޅުގަނޑު ގާސިމްގެ ހިތްވަރަށް ޝުކުރު އަދާކުރަން" ކަމަށެވެ.

 

ފާރިސް ވިދާޅުވީ "ގާސިމް އިބްރާހިމް ކިތައްމެ ކުޑަ ގޮޅިއެއްގައި ބެހެއްޓިޔަސް ދިވެހި ރައްޔިތުން ތިބީ އޭނާގެ ފަހަތްޕުޅުގައި" ކަމަށެވެ.

 

އެއްފަހަރު ހައްޔަރު ކުރުމުން އެތަކެއް އުނދަގޫތަކެއް ތަހައްމަލު ކުރެއްވުމަށްފަހު ދެވަނަ ފަހަރަށްވެސް އިސްލާހީ މަސައްކަތައް ޤާސިމް ނުކުންނެވީ އެކަން ތަހައްމަލު ކުރަން ޖެހިދާނެކަން އެނގިވަޑައިގެން ކަމަށް ފާރިސް ވިދާޅުވިއެވެ.

 

މި ޖަލްސާގައި ވާހަކަ ދައްކަވަމުން ފާރިސް ވަނީ ޤާސިމް މިނިވަންކުރުމަށް ކުރަމުން ގެންދާ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށް ވިދާޅުވެ، މިހާރު މިހާރަށް ޤާސިމް މިނިވަން ކުރުމަށް ގޮވާލައްވާފައެވެ.

 

މީގެ އިތުރުން ކުނޫޒްގެ ޕޯޑިއަމްގައި ހުންނަވައި ބޮޑުބޭބޭފުޅު ރައީސް އަބްދުﷲ ޔާމިންއަށް ރައްދުވާ ގޮތަށް ނުސީދާކޮށް ފާރިސް ވިދާޅުވީ "ކުނޫޒުގެ ޕޯޑިއަމްގައި ވާހަކަ ދައްކަވަން ނިންމެވީ، އެތަނުގައި ދައްކާ ވާހަކައެއް މެސެޖް ދޭން ބޭނުންވާ ފަރާތަށް ވަރަށް ސާފުކޮށް ސާދާ އިބާރާތުން އިވިވަޑައިގަންނަވާކަން އެނގިވަޑައިގަންނަވާތީ" ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް