އެސްޓްރަޒެނިކާގެ ވެކްސިން ޓްރައަލްގައި ބައިވެރިވި މީހަކު މަރުވެއްޖެއެވެ.
މަރުވެފައިވަނީ ބްރެޒިލްގެ 28 އަހަރުގެ މީހެކެވެ. ބްރެޒިލްގެ ސިއްހީ ކަމާބެހޭ އިދާރާ އަންވިސާ އިން ބުނެފައިވަނީ އެސްޓްރަޒެނިކާ އާއި އޮކްސްފޯޑުން އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ވެކްސިން "އޭޒީއެން.އެލް" ގެ ބައިވެރިވި މީހަކު މަރުވި ނަމަވެސް ޓްރައަލްތައް ކުރިއަށް ގެންދާނެ ކަމަށެވެ.
އޮކްސްފޯޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޓެސްޓުގެ މަރުހަލާތައް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށާއި، ދިމާވި މައްސަލައާއި ގުޅިގެން ހެދި ޓެސްޓްތަކުން ދައްކާގޮތުން ކްލިނިކަލް ޓްރައަލްގެ ރައްކާތެރިކަން ކަށަވަރުވާ ކަމަށެވެ. ނަމަވެސް އެސްޓްރަޒެނިކާ އިން މިކަމާއި ގުޅިގެން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ކަމާއި ގުޅުން ހުރި ފަރާތަކާއި ހަވާލާދީ ރޮއިޓަރސްގައި ބުނެފައިވަނީ ވެކްސިންގެ ޓްރައަލްތައް ހުއްޓާނުލާ ކުރިއަށް ގެންދަނީ، މަރުވި މީހާއަށް ވެކްސިން ދީފައި ނުވާތީ ކަމަށެވެ. އަދި މަރުވި މީހާއަށް ދިމާވީ އެހެން މައްސަލައެއް ކަމަށާއި، ކޮވިޑް-19ގެ އަލާމާތްތައް އޭނާގެ ފަރާތުން ފެނިފައިވާ ކަމަށެވެ.
މީގެ ކުރިން ވެސް އެމެރިކާގައި ވެކްސިންގެ ޓްރައަލްތައް މެދުކަނޑާލާފައިވެއެވެ. ނަމަވެސް އެސްޓްރާޒެނެކާގެ ކޮވިޑް ވެކްސިންގެ ހިއުމަން ޓްރަޔަލްސް އެމެރިކާގައި މެދުކަނޑާލާފައި އޮންނަތާ މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެފައިވާ އިރު، އެ ވެކްސިންގެ ޓްރަޔަލްތައް އަލުން ފެށުމުގެ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނު (އެފްޑީއޭ) އިން ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ފަހު ލިބިގެން ދާނެ ކަމަށް ރޮއިޓާސްގައި ވަނީ ރިޕޯޓް ކޮށްފައެވެ.
އެސްޓްރާޒެނެކާގެ ވެކްސިން ޓްރަޔަލްތައް މަޑުޖައްސާލީ، ވެކްސިން ޓެސްޓު ކުރުމުގެ ތިންވަނަ މަރުހަލާގައި ބައިވެރިވި މީހަކު ގޮތް ނޭނގޭ ގޮތަކަށް ބަލިވުމާ ގުޅިގެން ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހުއެވެ. އެފްޑީއޭއިން އަދިވެސް ވެކްސިންގެ ޓްރަޔަލްތައް ފެށުމުގެ ހުއްދަ ދީފައި ނުވާ އިރު، އިނގިރޭސިވިލާތުގައި މި ވެކްސިންގެ ޓްރަޔަލްތައް ވަނީ މިހާރު އަލުން ފަށާފައެވެ.
އިނގިރޭސިވިލާތުގެ ރެގިއުލޭޓަރުން ވަނީ ވެކްސިން ޓްރަޔަލްގެ ތެރެއިން ބަލިވި މީހާ ބަލިވީ ސީދާ ވެކްސިންގެ ސަބަބުން ކަން ބުނެވޭ ވަރުގެ ހެކި ނެތްކަމަށް ބުނެފައެވެ. މީގެ އިތުރުން، ބްރެޒިލް، ސައުތު އެފްރިކާ އަދި އިންޑިއާގައި ވެސް އެސްޓްރަޒެނެކާ ވެކްސިންގެ ޓްރަޔަލްތައް ވަނީ މިހާރު އަލުން ފަށާފައެވެ.