ދިވެހުރާއްޖޭގެ ގާނޫނުއަސާސީ ހުއްދަކުރާ ކަމެއް ކުރުމަށް މަސައްކަތް ކުރުމަކީ ކުށެއް ނޫން ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް 42 މެމްބަރުންގެ ސޮއި ހޯދުމަށް ނުފޫޒްގެ ބޭނުންގެކޮށްގެން މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ގާސިމް ހައްޔަރު ކޮށް ބަންދަށް 15 ދުވަސް ޖަހުމާ ގުޅިގެން ރައީސް މައުމޫން ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ގާސިމް އިބްރާހީމް ވަގުތުން ދޫކޮށްލުމަށް ގޮވާލާ ކަމަށެވެ.
ހަމައެހެންމެ ގާނޫނުއަސާސީ ހުއްދަކުރާ އެއްވެސް ކަމެއް ކުރުމަށް މަސައްކަތް ކުރުމަކީ ކުށެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށް ރައީސް މައުމޫންގެ ޓުވިޓުގައި ވިދާޅުވެފައި ވެއެވެ.
Hon @qasimibrahim vaguthun dhookohlumah govaalan. QA hudhdha kuraa kameh kurumah masakkaiy kurumakee kusheh noon.
— Maumoon Abdul Gayoom (@maumoonagayoom) April 21, 2017
ގާސިމް ހައްޔަރުކުރަން ކްރިމިނަލް ކޯޓުގެ އިސް ގާޒީ ނެރުއްވި އަމުރުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅޭނީ 42 މެމްބަރުންގެ ސޮޔާއެކު ކަމަށް މި މަހުގެ 10 ގައި ފާސްކުރުމާ ގުޅިގެން، މަޖިލިހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތް ކަމަށް ހުށަހެޅުމަށްޓަކައި 42 މެމްބަރުންގެ ސޮއި ހޯއްދެވުމަށް މެމްބަރުންނަށް ގާސިމް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަމުންދާ ކަމަށެވެ. އަދި ސަލާމަތީ ބާރުތަކުގައި މަސައްކަތް ކުރާ ފަރާތްތަކާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކޮށް އަދި ރައްޔިތުންގެ މެދުގައި ފިތުނަ އާއި ބިރުވެރިކަން އުފެއްދުމަށް ގާސިމް މަސައްކަތް ކުރާ ކަމުގެ ތުހުމަތު ވެސް ކޯޓު އަމުރުގައި ކޮށްފައި ވެއެވެ.