އަބުުރުގެ ގާނޫނުގެ ނަމުގައި ހަދާފައިވާ ގާނޫނަކުން ބޮޑެތި އަދަދުތަކަކުން ރާއްޖެޓީވީ ޖޫރިމަނާކޮށް އިންސާފެއް، ހަމައެއް ނެތި ބްރޯޑްކާސްޓިންގ ކޮމިޝަނުން ފިޔަވަޅު އަޅަމުންދާ ދިއުމާގުޅޭގޮތުން ރާއްޖެ ޓީވީން ހުކުރު ދުވަހު ބައިނަލްއަގްވާމީ ފަރާތްތަކާ މައުލޫމާތު ހިއްސާ ކޮށްފިއެވެ.
ރާއްޖެ ޓީވީގެ ޓީމުންވަނީ ސްރީލަންކާގެ ވެރިރަށް ކޮޅުނބުގައި ތިއްބަވާ ބޭރުގެ ޑިިޕްލޮމޭޓުންނާ ބައްދަލު ކޮށް ބްރޯޑްކާސްޓިންގ ކޮމިޝަނުން އަޅަމުންދާ ފިޔަވަޅު ތަކުގެ ތަފްސީލްތައް ދަންނަވާފައެވެ.
މިގޮތުން އެމެރިކާ، އިނގިރޭސި ވިލާތް، ކެނެޑާ، ޖަރުމަނުވިލާތް، ނެދަލޭންޑް އަދި ސްވިޒަލޭންޑްގެ ޑިޕްލޮމެޓިކް މިޝަން ތަކުގެ މަންދޫބުންނާއެކު ރާއްޖެޓީވީގެ ވަފުދުގެ ފަރާތުން ބޭއްވި ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ ޔޫރަޕިއަން ޔޫނިއަންގެ ވަފްދުގެ ވެރިޔާ ޕޯލް ގޮޑްފްރޭއެވެ.
މި ބައްދަލުވުމާ ބެހޭގޮތުން ރާއްޖެޓީީގެ ހެޑްއޮފް އިންޓަރނޭޝަނަލް ރިލޭޝަންސް އައިޝަތު ޝާނީ ވިދާޅުވީ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ފަރާތްތަކުން މި މައްސަލަ ބައިނަލް އަޣްވާމީ ސަމާލުކަމަށް ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށެވެ.
އަދި ރާއްޖޭގެ މީޑިއާގެ މިނިވަންކަމުގެ ހާލަތާމެދު އެ ފަރާތްތަކުގެ ކަންބޮޑުވުން އޮތް މިންވަރު މި ބައްދަލުވުމުގައި ހާމަކުރައްވާފައިވާ ކަމަށެވެ.
Thanks @Raajje_tv for briefing diplomatic community in Colombo on concerning situation facing journalists in #maldives pic.twitter.com/vue8URvuHk
— ukinmaldives (@UKinMaldives) April 21, 2017
ބައްދަލުވުމަށްފަހު ލަންކާގަިއ ހުންނަ ޔޫރަޕްގެ އިއްތިހާދުގެ އިދާރާއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ، އަބުރުގެ ގާނޫނު ފާސް ކުރިއިރު އޭރު އުފެދުނު ކަންބޮޑުވުމަކީ ހަގީގަތެއްކަން މިހާރު ސާފުވެއްޖެ ކަމަށެވެ.
Sad to hear from @raajjemv that fears about the Defamation Bill are proving correct #Maldives https://t.co/CDnIVDVKaQ pic.twitter.com/myaG9GrLSB
— EU to the Maldives (@EU_Maldives) April 21, 2017
ބްރޮޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައިވަނީ އޭޕްރީލް 6 ވަނަ ދުވަހު އެވެ. އަދި އެފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ބްރޮޑްކާސްޓިން ކޮމިޝަނުން ވަނީ، އަންގާފަ އެވެ. އެއް މިލިއަން ރުފިޔާގެ ޖުރިމަނާ ކުރީ ހަމަ އެދުވަހު ދެ ލައްކަ ރުފިޔާގެ ޖުރިމަނާއެއް ދައްކާފައިވަނިކޮށްނެވެ.
ރާއްޖެޓީވީ ޖޫރިމަނާކޮށްފައި ވަނީ މިދިއަ އަހަރުގެ އޮކްޓޯބަރު 26 ވަނަ ދުވަހުގެ ރޭ އެމްޔޫއޯގެ ހަރުގެ ޖަލްސާ ލައިވްކުރަމުން ދިޔައިރު، ވާހަކަ ދެއްކެވި ބޭފުޅަކު ދެއްކެވި ވާހަކައަކާ ގުޅިގެން ރައީސް ޔާމީންގެ އަބުރުފުޅު ގެއްލިއްޖެ ކަމަށް ބުނެއެވެ.
ސަރުކާރުން ގެންނަ ކަމަށް ބުނާ ތަރައްގީއަށް ފާޑު ކިޔާ ދައްކާފައިވާ އެ ވާހަކަ ތަކުން އެއްވެސް ފަރާތެއްގެ އަބުރު ގެއްލޭ ގޮތެއް އޮތްކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި، އެ ވާހަކަތަކުން ރައީސް ޔާމީންގެ އަބުރުފުޅު ގެއްލުނީ ކިހިނެއްކަން ބްރޯޑްކާސްޓިންގ ކޮމިޝަނަށް ދެއްކިފައި ނުވާ ކަމަށް ރާއްޖެޓީވީން އަންނަނީ ބުނަމުންނެވެ. އަދި ބްރޯޑްކާސްޓަރުންގެ މެދުގައި އިންތިހާއަށް ތަފާތު ކުރުންތައް ގެންގުޅުމާއި، ވަކި ފަރާތަކަށް އަދަބު ދިނުމާއި ފުރައްސާރަކުރުން ބްރޯޑްކާސްޓިންގ ކޮމިޝަނުން ގެންގުޅޭ ކަމަށް ރާއްޖެޓީވީން އަންނަނީ ބުނަމުންނެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން މިނިވަން މީޑިއާގެ މާހައުލެއް ގާއިމް ކުރުމުގެ ބަދަލުގައި ވަކިވަކި މީޑިއާތަކަށް ހުރަސްއަޅަމުންދާތީއާއި މީޑިއާ ތަރައްގީ ކޮށް ކުރިއެރުވުމަށް އެއްވެސް މަސައްކަތެއް ކުރަމުން ނުދާތީ އާއި، އިންސާފާއި ހަމަހަމަކަން ކޮމިޝަނުން ގެއްލިފައިވާތީ، އެ ކޮމިޝަނުގައި މިހާރު ތިއްބެވި މެންބަރުންގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރު ކޮށްފައިވާ ޕެޓިޝަންގައި ސޮއި ކުރުންވެސް ދަނީ ކުރިއަށެވެ.
ރާއްޖެޓީވީން ބުނެފައިވަނީ، ބިރު ދެއްކިޔަސް ނޫސްވެރި ކަމުގެ މިނިވަންކަމުގެ ދިފާއުގައި އެންމެ ފަހު ވަގުތާ ޖެހެންދެންވެސް މަސައްކަތް ކުރުން މަތީ ދެމި ތިބޭނެ ކަމަށެވެ.