Advertisement
ކ. މާލެ
|
21 އޭޕްރިލް 2017 | ހުކުރު 12:17
ރައީސް ޔާމީން
ރައީސް ޔާމީން
ރާއްޖެއެމްވީ
އެލްޖީއޭގެ ބޯޑު
އެލްޖީއޭ ބޯޑު ސީދާ ބާރު ރައީސް ޔާމީނަށް ލިބޭ ގޮތަށް ފާސްކުރި އިސްލާހު ތަސްދީގު ކުރައްވައިފި
އެލްޖީއޭ ބޮޑުގައި މިހާރު ތިއްބަވަނީ 9 މެމްބަރުން
މިބަދަލާ ގުޅިގެން އެލްޖީއޭ ބޯޑު ފަސް މެމްބަރުންނަށް މަދުވާނެ
މި އިސްލާހާ ގުޅިގެން އެލްޖީއޭ ބޯޑަށް މެމްބަރުން އައްޔަން ކުރުމާއި ވަކި ކުރުމުގެ ބާރު ލިބެނީ ރައީސަށް

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑުގެ ހުރިހާ ބާރެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބިލައްވާ ގޮތަށް ދިވެހިރާއްޖެ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ގެނައި އިސްލާހް  ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެން އެބިލް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފި އެވެ.

މިމަހުގެ 12 ވަނަ ދުވަހުގެ މަޖިލީހުގެ ޖަލްސާގައި އެބިލް ފާސްކޮށްފައި ވަނީ 44 މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. އެ ބިލް ފާސްކުރުމަށް ނުފެންނަ ކަމަށް 17 މެމްބަރަކު ވޯޓް ދެއްވި އެވެ.

ސަރުކާރުގެ ފަރާތުން އެ ބިލް މަޖިލީހަށް ހުށަހެޅީ މިމަހުގެ 11 ވަނަ ދުވަހު އެވެ. އެ ޖަލްސާގައި އެބިލް މަޖިލީހަށް ބަލައިގަތުމަށް ފާސްކޮށްފައިވާއިރު، އެޖަލްސާއަށް އެބިލް އެޖެންޑާ ކޮށްފައިވަނީ ވެސް އެބިލްގެ ފުރަތަމަ ކިޔުން އިއްވުމަށް ފަހު، ބިލަށް ބަހުސް ކުރުމަށް ވޯޓަށް އަހައި، ބަހުސްކުރުމަށް ފެންނަ ކަމަށް ފާސްވެއްޖެ ނަމަ ހަމަ އެ ޖަލްސާގައި އެ ހުރިހާ ކަމެއް ކުރިއަށް ގެންދާ ގޮތަށެވެ.

އެބިލް ދިރާސާ ކުރުމަށް މަޖިލީހުގެ ގައުމީ ސަލާމަތާބެހޭ ކޮމެޓީއަށް ފޮނުވުމުން އެކޮމެޓީގެ ބައްދަލުވުމެއް އަންގާރަ ދުވަހު ބާއްވާ އެބިލަށް މާބޮޑު ބަދަލެއް ނުގެނެސް ވަނީ ފާސްކޮށްފަ އެވެ.

ފަހަކަށް އައިސް މިފަދަ މުހިއްމު ބިލްތައް 24 ގަޑިއިރުގެ ތެރޭގައި މަޖިލީހުން ދަނީ ފާސްކުރަމުން ނެވެ.

ސަރުކާރަށް ނިސްބަތްވާ މެމްބަރުން ބިލަށް ތާއީދުކުރައްވާ ވާހަކަ ދެއްކެވިއިރު، އިދިކޮޅު މެމްބަރުން ވިދާޅުވީ މިއީ ލާމަރުކަޒީ ގާނޫނުން އިންތިޚާބުކުރާ ކައުންސިލްތަކުގެ ބާރު ސަރުކާރުގެ މުށުތެރެއަށް ގެނައުމަށް ކުރާ ކަމެއް ކަމަށެވެ.

ސަރުކާރުގެ ފަރާތުން އެ އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ އުނގޫފާރު ދާއިރާގެ މެމްބަރު ޖައުފަރު ދާއޫދު އެވެ.

ސަރުކާރުގެ ފަރާތުން އިސްލާހް ގެނައީ އެލްޖީއޭގެ ބޯޑާ ގުޅޭ މާއްދާތައް ކަމަށްވާ ލާމަރުކަޒީ ގާނޫނުގެ 62، 63 އަދި 64 ވަނަ މާއްދާ އަށެވެ. އަލަށް ގެނައި އިސްލާހުގެ ދަށުން އެލްޖީއޭގެ ބޯޑުގައި ދެން ތިބޭނީ ފަސް މެމްބަރުންނެވެ. އެ ފަސް މެމްބަރުންނަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުައްވާ މިނިސްޓަރަކާއި ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަންހެން މެމްބަރަކާއި މަދަނީ ޖަމްއިއްޔާއެއްގެ މެމްބަރަކާއި ގަވަރނަންސް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މެމްބަރެއްގެ އިތުރުން ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އެވެ.

އެ އިސްލާހުގައިވާ ގޮތުން ރައީސް ކަނޑައަޅުއްވާ މިނިސްޓަރާއި ސީއީއޯ އައްޔަންކުރުމާއި ވަކިކުރުމުގެ ފުރިހަމަ ބާރު ދީފައި ވަނީ ސީދާ ރައީސުލްޖުމްހޫރިއްޔާ އަށެވެ. އަދި އެ ބޯޑުގައި ދެން ތިއްބަވާ ތިން މެމްބަރުން އައްޔަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުވާނީ ވެސް ރައީސުލްޖުމްހޫރިއްޔާ އެވެ. އެތިން މެމްބަރުން ވަކިކުރެވެނީ ރައްޔިތުންގެ މަޖިލީހުން އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާ ފާސްވެއްޖެ ނަމަ އެވެ.

މީގެ އިތުރުން ވެސް އެލްޖީއޭ ބޯޑުގެ މެމްބަރުންނަށް ދެވޭ އިނާޔަތްތައް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ބުނެފައިވާ އިރު، އެ ބޯޑުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ.

މިހާރު އެލްޖީއޭގައި ތިއްބަވަނީ ނުވަ މެމްބަރުންނެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާވަޒީރާއި، ރާއްޖޭގެ ވެރިކަންކުރާ ރަށް ކަމަށްވާ، މާލެ ސިޓީ ކައުންސިލުން މެމްބަރަކާއި އަތޮޅު ކައުންސިލްތަކުން އިންތިހާބުކުރާ ހަތަރު މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މަދަނީ ޖަމްއިއްޔާއެއްގެ މެމްބަރަކާއި އާއްމުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރެއްގެ އިތުރުން ސިޓީ ކައުންސިލްތަކުގެ މެމްބަރުންގެ ތެރެއިން މެމްބަރެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް