ޕީޕީއެމްގެ ދަރުބާރު ފެކްޝަނުގެ ސަރުކާރަށް ލާމަރުކަޒީ ނިޒާމެއް ނުހިންގޭނެ ކަމަށާއި، މިސަރުކާރަކީ ލާމަރުކަޒީ ނިޒާމު ހިންގަން ބޭނުންވާ ސަރުކާރެއް ވެސް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
މެއި މަހުގެ 6 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން އެމްޑީޕީން ލ. އަތޮޅަށް ކުރައްވާ ދަތުރުގައި ބުރާސްފަތި ދުވަހުގެ ރޭ ލ. ގަމުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ މި ސަރުކާރުގައި ތިއްބެވި ބޭފުޅުންނަކީ ލާމަރުކަޒީ ނިޒާމު ގެންނަން ހާއްސަ މަޖިލީހުން ކުރި މަސައްކަތާ ދެކޮޅު ހެއްދެވި ބޭފުޅުން ކަމަށެވެ. އަދި މިސަރުކާރަށް އެނގޭނީ މާލޭގައި ފިނިކޮޓަރީގައި ފިލާ ތިބެގެން ވެރިކަން ކުރަން ކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ރަށްރަށުގައި ހުރި ދަތިތަކާއި ރައްޔިތުންގެ ބޭނުންތައް އެނގޭނީ އެރަށެއްގައި އުޅޭ ރައްޔިތުންނަށް ކަމަށާއި މާލޭގައި ވުޒާރާއެއްގައި ބޮޑީގާޑުން ބައިތިއްބައިގެން އުޅުއްވާ ވަޒީރުންނަށް އެނގިވަޑައިނުގަންނަވާނެ ކަމަށެވެ.
"މިއިންތިހާބުން ބޮޑު ތަނުން ބަލިވާނެކަން ޔަގީންވީމާ، ދެން މިހެއްދެވި ގޮތަކަކީ މަޖިލީހުގައި ކުއްލި ގޮތަކަށް ޖަލްސާއަށް ބާއްވާ ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައީ،" ޝާހިދު ވިދާޅުވި އެވެ.
ސަރުކާރުން ލާމަރުކަޒީ ގާނޫނަށް އިސްލާހުތައް ގެނެސް ބޮޑެތި ބަދަލުތަކެއް ގެނައި ނަމަވެސް އެމްޑީޕީން ޖެހިލުމެއް ނުވާކަމަށާއި ކުރިމަތިލައްވާފައިވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ޖެހިލުމެއް ނުވާ ކަމަށެވެ. އަދި ކެންޑިޑޭޓުންނަކީ ގާބިލު ކެންޑިޑޭޓުން ކަމަށާއި އެމްޑީޕީން މިއިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
މީގެ އިތުރުން ޝާހިދު ވިދާޅުވީ ރައީސް ޔާމީންގެ އ ހެޔޮފުޅުކަމަށް ހަނޑޫ، ހަކުރު އަދި ފުށުގެ އަގު ހެޔޮކުރެއްވި ކަމަށް ސަރުކާރުން ބުނާއިރު، އެއީ ގަބޫލުކުރެވޭ ވާހަކައެއް ނޫން ކަމަށެވެ. ޝާހިދު ވިދާޅުވީ މިސަރުކާރުން ކާޑުގެ ބާވަތްތަކުން 100 ޕަސެންޓް އަގު ބޮޑުކުރުމަށް ފަހު، ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް 15 ޕަސެންޓް އަގު ހެޔޮކުރުމަކީ އެއީ އަގުހެޔޮކުރުން ނޫން ކަމަށާއި މިހާރު ވެސް ކާޑުގެ އަގު ބޮޑު ކަމަށެވެ.