ކ. މާލެ
|
21 އޭޕްރިލް 2017 | ހުކުރު 03:51
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒް
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒް
ގޫގުލް
ރިޔާޒުގެ ޝަރީއަތް
ރިޔާޒުގެ ފޯނުގެ ލޮކް ކޯޑް ފުލުހުންނާ ހަވާލުކޮށްފި
ކުއްލި ގޮތަކަށް ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އަޑުއެހުމެއް
ލޮކް ކޯޑް ދިނުމަށް އިންކާރު ކުރި ކަމަށް ބުނެ ކުރި ދައުވާއެއް
ލޮކް ކޯޑް ދިނުމުން މައްސަލައާ މެދު އާދިއްތަ ދުވަހު ގޮތެއް ނިންމަނީ

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒްގެ ފޯނުގެ ލޮކް ކޯޑް ދިނުމަށް އިންކާރުކޮށްފައިވާ ކަމަށް ބުނެ އޭނާގެ މައްޗަށް ދައުވާކޮށް ޝަރީއަތް ހިންގަމުން ދަނިކޮށް ލޮކް ކޯޑް ފުލުހުންނާއި ހަވާލުކޮށްފި އެވެ.

 

ރިޔާޒުގެ ފޯނުގެ ލޮކް ކޯޑް ފުލުހުންނަށް ދީފައިވަނީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގައި ބުރާސްފަތި ދުވަހުގެ ރޭ ސިއްރުކޮށްގެން ބޭއްވި އަޑުއެހުމުގަ އެވެ.

 

ކިނބިދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ރިޔާޒުގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ ރިޔާޒްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން މާޗް މަހުގެ 27 ވަނަ ދުވަހުގެ ރޭ 9:39 ހާއިރު ކޯޓް އަމުރެއްގެ ދަށުން ރިޔާޒްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފޯނުގައި ހުރި މައުލޫމާތުތައް ބެލުމަށް ފޯނުގެ ލޮކް ކޯޑް ދިނުމަށް އެދުމުން ލޮކް ކޯޑް ދިނުމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައިވާތީ، ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ އުފުލާ ކަމަށެވެ.

 

ބުރާސްފަތި ދުވަހުގެ ރޭ 8:00 އަށް ކުއްލި ގޮތަކަށް ތާވަލުކޮށްގެން ބޭއްވި އަޑުއެހުމުގައި ރިޔާޒުގެ ފޯނުގެ ލޮކް ކޯޑް ދިނުމުން، ޝަރީއަތް އިތުރަށް ކުރިއަށް ގެންދިއުމާ މެދު އާދިއްތަ ދުވަހުގެ މެންދުރު 3:00 ގައި ބާއްވާ އަޑުއެހުމުގައި ގޮތެއް ނިންމަވާނެ ކަމަށް މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވިދާޅުވި އެވެ.

 

ރިޔާޒުގެ މައްޗަށް ހިންގާ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ބޭއްވީ މިމަހުގެ 13 ވަނަ ދުވަހު އެވެ. އެ އަޑުއެހުމުގައި ދައުވާ އިއްވުމުން ރިޔާޒް ވަނީ ދައުވާ އަށް އިންކާރު ކުރައްވާފަ އެވެ.

 

ރިޔާޒުގެ ގާނޫނީ ވަކީލު ހިސާން ހުސެއިން ވިދާޅުވީ، ތަހުގީގަށް ރިޔާޒު ބަޔާން ދެއްވައި، ލޮކް ކޯޑް ދެއްވުމަށް ހުށަހެޅުއްވިކަން ގާޒީ ފާހަގަކުރެއްވި ކަމަށެވެ. އަދި މައްސަލައަކީ ލޮކް ކޯޑާ ގުޅުން ހުރި މައްސަލައަކަށް ވާއިރު، ލޮކް ކޯޑް ދިނުމުގެ ފުރުސަތު އަދިވެސް އޮތްކަން ގާޒީ ފާހަގަކުރެއްވުމުން އެ ފުރުސަތުގެ ބޭނުން ހިފައިގެން ލޮކް ކޯޑް ފުލުހުންނަސް ދީފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ.

 

ކޯޓުން ނިކުމެވަޑައިގެން ރިޔާޒު ވިދާޅުވީ ފުލުސް އޮފީހަށް ހާޒިރުކޮށް، ޝަރީއަތަށް މައްސަލަ ހުށަހަޅައިގެން އެ ތަންތަނަށް ހާޒިރުކުރަނީ ސިޔާސީ މަގްސަދެއް ހާސިލުކުރުމަށް ކަަމަށެވެ. އަދި ގައުމުގައި ހުރި ބޮޑެތި ކޮރަޕްޝަނުގެ މައްސަލަތަކާއި ވައްކަމުގެ ވާހަކަތައް ދައްކަން ފެށުމުން ރައީސް އަބްދުﷲ ޔާމީނު އުޅުއްވަނީ "ހަޖަމު" ނުކުރެއްވެވިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

 

ރިޔާޒު ވިދާޅުވީ ފުލުހަށް ހާޒިރުކުރުމާއި ކޯޓަށް ހާޒިރުކުރުމަކީ އިސްލާހީ މަސައްކަތް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތް ކަމަށެވެ. އަދި ފަހަތަށް ޖެއްސުމަށް ކުރަމުންދާ މަސައްކަތްތަކަށް ބެލުމެއް ނެތި އިސްލާހީ މަސައްކަތް އިދިކޮޅު ފަރާތްތަކުން ކާމިޔާބު ކުރާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

 

ރިޔާޒު ވިދާޅުވީ އޭނާގެ މައްސަލަ ފުލުހުން ކުރިއަށް ގެންގޮސްފައިވަނީ އޮންނަ އުސޫލުތަކާ ޚިލާފަށް ކަމަށެވެ. އަދި އޭނާގެ މައްޗަސް ތުހުމަތެއްކޮށް ތަހުގީގެއް ހިންގި އިރު، ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްއަށް ފޮނުވި އިރު އޭނާއަށް އަންގާފައިނުވާ ކަމަށް ވިދާޅުވި އެވެ.

- ކޮމެންޓް