ބްރޯޑްކާސްޓިން ކޮމިޝަނުން މިނިވަން މީޑިއާގެ މާހައުލެއް ގާއިމް ކުރުމުގެ ބަދަލުގައި ވަކިވަކި މިޑިއާތަކަށް ހުރަސްއަޅަމުންދާތީ، އެ ކޮމިޝަނުގައި މިހާރު ތިބި މެންބަރުން މަގާމުން ވަކިކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ޕެޓިޝަންގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ސޮއި ކުރައްވައިފިއެވެ.
"މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުންގެ އިތުބާރު އާއްމު ރައްޔިތުންނަށް ގެއްލުން" މި ނަމުގައި ރާއްޖެޓީވީން އިސްނަގައިގެން މަޖިލީހަށް ހުށަހެޅުމަށް ހަމަޖެހިފައިވާ ޕެޓިޝަންގައި ރައީސް ނަޝީދު ސޮއި ކުރައްވާފައި ވަނީ ލަންކާގައި ހުންނަވައިގެންނެވެ.
ރައީސް ނަޝީދުގެ އިތުރުން ރާއްޖެޓީވީގެ ކުރީގެ ޗެއާމަން އަކްރަމް ކަމާލުއްދީން ވެސް ވަނީ މި ޕެޓިޝަންގައި ސޮއިކުރައްވާފައެވެ.
ރާއްޖެޓީވީން އިސްނަގައިގެން މަޖިލީހަށް ހުށަހެޅުމަށް ހަމަޖެހިފައިވާ ޕެޓިޝަންގައި ވަނީ ރާއްޖޭގެ ގާނޫނު އަސާސީ އާއި ބައިނަލްއަޤުވާމީ މުއާހަދާތަކުން ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި މީޑިއާގެ މިނިވަންކަމުގެ ހައްގަށް ބްރޯޑްކާސްޓިން ކޮމިޝަނުން ހީނަރުކަން ފޯރުވަމުންދާކަން ފާހަގަކޮށްފައެވެ.
ބްރޯޑްކާސްޓިން ކޮމިޝަނަކީ، މުސްތަގިއްލު މުއައްސަސާއަކަށްވާއިރު ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ގޮތެއްގައި އެކޮމިޝަނުން މަސައްކަތް ނުކުރާކަމުގެ ހެކިތައް ފެންނަމުންދާކަމަށްވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ މި ޕެޓިޝަންގައި ވަނީ ބުނެފައެވެ.
އެގޮތުން ބައެއް މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރަމުން ދިއުމާއި މީޑިޔާތައް ބާރުވެރިކުރުމުގެ ބަދަލުގައި މީޑިއާގެ މަސައްކަތައް ނަހަމަގޮތުގައި ނުފޫޒު ފޯރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް މި ޕެޓިޝަނުގައި ބުނެއެވެ.
"ޓާގެޓް ކޮށްގެން ބްރޯޑްކާސްޓިންގް ކޮމިޝަނުން އަޅަމުންދާ ބޭއިންސާފު ފިޔަވަޅުތަކުގެ ސަބަބުން ބިރުވެރި ކަމެއް، ބިރު ދެއްކުމެއް ނެތި ނޫސްވެރިކަން ކުރެވޭ މާހައުލެއް ރާއްޖޭގައި އޮތަ ނުދިނުމަށް ކޮމިޝަނުގެ މެންބަރުން މަސައްކަތް ކުރަމުންގެންދާ ކަމަށް ބެލެވޭކަމަށްވެސް ޕެޓިޝަންގައި ބުނެފައިވެއެވެ.
ޕެޓިޝަނުގައި އިތުރަށް ވަނީ ބްރޯޑްކާސްޓިން ކޮމިޝަނުން ޕްރޮފެޝަނަލް މިންގަނޑުތަކުން އެއްކިބާވެ، އަދުލު އިންސާފުގެ މަގުން އެކަހެރިވެ އަމަލު ކުރަމުންދާކަން ފާހަގަކޮށްފައެވެ.
މީގެ އިތުރުން ކޮމިޝަނުގައި މިހާރު ތިބި މެންބަރުންނަކީ އިތުބާރު ކުރެވޭނެ މެންބަރުން ކަމަށް ގަބޫލު ކުރެވޭނެ އެއްވެސް ހަމައެއް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށް މި ޕެޓިޝަންގައި ބުނެފައިވެއެވެ. އަދި ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުންގެ އަމަލުތައް ހުރި ގޮތުން ޑިމޮކްރަސީގެ ހަތަރުވަނަ ބާރު ކަމުގައިވާ ނޫސްވެރިކަމަށް ހީނަރުކަން އައިސްފައިވާ ކަމަށް މި ޕެޓީޝަނުގައި ފާހަގަކޮށްފައިވެއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުން ވަކި ކުރުމަށް ގޮވާލާ ޕެޓިޝަނެއް އެކުލަވާލާފައިވާ އިރު، މި ޕެޓިޝަނުގައި ސޮއި ކުރުމުގެ ފުރުސަތު އާއްމުކޮށް ވަނީ ހުޅުވާލާފައެވެ.
ރާއްޖެޓީވީން ރައްޔިތުންގެ މަޖިލީހަށް މިފަދަ ޕެޓިޝަނެއް ހުށަހެޅުމަށް ނިންމާފައިވާއިރު، އަބުރުގެ ގާނޫނުގެ ދަށުން ރާއްޖެޓީވީ ދެ ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އެފައިސާ ބްރޯޑްކާސްޓިން ކޮމިޝަނަށް ދެއްކި ދުވަހު އަނެއްކާ އެއް މިލިއަން ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފައެވެ.